ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަލާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީގައި އަދި ތ. ތިމަރަފުށީގައި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު މީގެކުރިން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

" އޮޕަރޭޝަންގެ މައުލޫމާތު ލިބެމުންދިޔަ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނަން،" ފުލުހުން ބުންޏެވެ.