ބޮޑެތި ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް ބޮޑުކުރުމަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި އެ ބިލަކީ އެ ގާނޫނަށް ގެނައި 11 ވަނަ އިސްލާހެވެ.
އެ ގާނޫނަށް ގެނައި 11 ވަނަ އިސްލާހު ރައީސް ސޯލިހް މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ. ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އެ އިސްލާހުގައިވާގޮތުން ސަރުކާރުން ހިންގާ ތިމާވެށީގެ މަޝްރޫއުތަކަަށް ހަރަދުކުރުމަށް ނަގާ ގްރީން ޓެކްސް ބޮޑެތި ގެސްޓްހައުސްތަކުން ބޮޑު ކުރަންޖެހެ އެވެ. އެ އިސްލާހުގައިވާގޮތުން ބޮޑެތި ގެސްޓްހައުސްތަކުގެ ގޮތުގައި ބަލާނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކެވެ.
ރިސޯޓުތަކުން މިހާރު ވެސް ރެއަކަށް މީހެއްގެ އަތުން ހަ ޑޮލަރު ނަގަ އެވެ. ހަމައެގޮތަށް ބޮޑެތި ގެސްޓް ހައުސްތަކުން ވެސް އެ އުސޫލުން ފައިސާ ނަގަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެ އިސްލާހުގައިވާގޮތުން 50 ކޮޓަރިއަށް ވުރެ ކުދި ގެސްޓްހައުސްތަކުން ނަގާނީ މިހާރެކޭ ވެސް އެއްގޮތަށް ތިން ޑޮލަރެވެ.
އެ އިސްލާހުގައިވާގޮތަށް ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރީން ޓެކްސް އިން ދައުލަތަށް 214 މިލިއަން ރުފިޔާ ލިބުނެވެ. ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާއިރު މާލެ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމަނައި މިހާރު ވަނީ ހިމަނާފަ އެވެ. އެ ސަރަހައްދުގެ ބިމު ކުއްޔަށް އަކަމީޓަރަކަށް އަހަރަކު 95 ޑޮލަރު ނަގަން އެ އިސްލާހުގައި ވަނީ ކަނޑައަޅާފަ އެވެ.
ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމަކީ ވެސް އެ އިސްލާހު ގެނައުމުގެ މަގްސަދެކެވެ.
މީގެއިތުރުން ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން އެ އިސްލާހުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.