ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ބްރަހްމަސްތްރާގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްދާތާ ވަރަށް ދުވަސްވެއްޖެ އެވެ.

އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމު ލަސްތަކަށް ފަހު މި ފިލްމު ނެރޭނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް ކޮވިޑް-19 ޕެންޑެމިކާއެކު ފިލްމުގެ މަސައްކަތް ވަނީ އިތުރަށް ލަސްވެފަ އެވެ.

މި ފިލްމު އުފައްދަނީ ބޮޑު ބަޖެޓަކާއެކުކަން މީގެ ކުރިން ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެންމެ ފަހުން ފިލްމުގެ އަގު 300 ކަރޯޑް ރުޕީސްއަށް އަރާކަން މިވަނީ ހާމަވެފަ އެވެ.

ސްޓާ އަދި ޑިސްނީ އިންޑިއާގެ ޗެއާމަން އުދޭ ޝަންކަރު ހިންދުސްތާން ޓައިމްސް ލީޑާޝިޕް ސަމިޓް 2020 ގައި ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުން މިއީ މިހާތަނަށް އިންޑިޔާގައި އުފައްދާ އެންމެ އަގުބޮޑު ފިލްމެވެ. ފިލްމުގެ އަސްލު އަގަކީ ކިހާވަރެއްތޯ ސުވާލުކުރުމުން ސީދާ ޖަވާބު ނުދީ ބުނެފައިފައިވަނީ ފިލްމުގެ ބަޖެޓު 300 ކަރޯޑަށް ވުރެ ވެސް ބޮޑު ކަމަށެވެ.

މި ފިލްމުގެ މަސައްކަތް 2018 ވަނަ އަހަރު ފެށިފައިވާ އިރު މި ފިލްމަކީ އަސްލު ދިރިއުޅުމުގައި ވެސް ލޯބިވެރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުއެކުގައި ބޮޑު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. އެހެން ކަމުން މި ދެތަރިންގެ ފޭނުން މި ފިލްމަށް ކުރާ އިންތިޒާރާއި އުންމީދު ބޮޑެވެ.