އާއްމުންނަށް ތެޔޮ ވިއްކުމުގައި އެއްވެސް ލިމިޓެއް ނުގެންގުޅޭ ކަމަށް އެފްއެސްއެމް އިން މިއަދު ބުނެފި އެވެ.

އެފްއެސްއެމް އިން ތެޔޮ ވިއްކުން މިދުވަސްވަރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން "ހުރިހާ"އާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ބައެއް ފަރާތްތަކުން އެއް ފަހަރާ ގިނަ އަދަދެއްގެ ތެޔޮ ގަނެގެން ދޯނިތަކަށް ބަރުކޮށްގެން ގެންގޮސް ވިއްކަމުން ގެންދާތީ އެކަން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝެޑްތަކުން އާއްމުންނަށް ވިއްކާ ތެލަށް އެއްވެސް ލިމިޓެއް ނުގެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތެލުގެ އެއްވެސް ޝޯޓޭޖެއް ނެތް. އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް އެސްޓީއޯއިން ތެޔޮ ދޫކުރަމުން ގެންދޭ،" ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ތެޔޮ ވިއްކާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް ރިކުއާމަންޓަށް ބެލުމަށްފަހު ތެޔޮ ވިއްކަން އަންގާފައިވާނެ ކަމަށެވެ.

"ރަށްރަށުގެ ކަސްޓަމަރުންނަށް އަންގާފައިވާނެ ރިކުއާމަންޓަށް ބަލާފައި ދޫކުރާން. 2019 ވަނަ އަހަރު އަޅުގަނޑު ހަވާލުވިއިރު ގަންނަވަރު އިތުރުވެއްޖެ، އެސްޓީއޯއަށް ވެސް ތެޔޮ އެތެރެކުރަން އެނގެން ޖެހޭ ރިއުއާމަންޓް،" ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގަ އާއި އެނޫން ވެސް ތަންތަނުން ގަންނަ އަދަދު ކުއްލިއަކަށް 20،000 ލީޓަރުން 40000 ލީޓަރަށް ބަދަލުވުމުން ކޭޓާކުރަން އުނދަގޫވާ ކަމަށެވެ. އަދި ޑިމާންޑާ އެއްވަރަށް ތެޔޮ ވިއްކަން ކަސްޓަމަރުންނަށް ބޭނުންވާ މިންވަރު ދޫރާލާ އެނގެން ޖެހޭ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.

"އެސްޓީއޯއިން ތެޔޮ ދޫކުރަނީ ވިއްކާ ނިސްބަތަކުން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެއްފަހަރާ ބޮޑު އަދަދުން ގެނެގެން އެހެން ފަރާތްތަކަށް ވިއްކާ މީހުން ނަގާ ނާޖާއިޒު ފައިދާ ހުއްޓުވަން،" އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ޝެޑްތަކުން ވެސް ޕެޓްރޯލާއި ޑީސަލް އެއްވެސް ލިމިޓެއް ލިބެންނެތި އާއްމުންނަށް ވިއްކަމުން ގެންދާ ކަމަށެވެ.