ދިވެހި މަސައްކަތްތެރިންނަށް ދޭ ޕެންޝަނާއި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ހިލޭ އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް އެވެ.

"މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި ތައުލީމާއި މާލީ ނިޒާމު މެނޭޖުކުރުން ފަދަ ގިނަ ދާއިރާތަކަކުން ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު ވަނީ ވަރަށް ވަރުގަދަ ޕާޓްނަޝިޕެއް 40 އަހަރަށް ވުރެ ގިނަ ދުވަހު ގާއިމްކޮށްފައި،" އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލަކަށް އަޅުގަނޑުމެން ބަލާލާއިރު، ހިލޭ އެހީގެ މި ދެ އެއްބަސްވުމުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް އަޅުގަނޑުމެންނަށް މާލީ ގޮތުން ޖާގަ ލިބި، އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީ ހަލުވިކުރުމަށް އާ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ،" އަމީރު ވިދާޅުވި އެވެ.

'ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް)' މަޝްރޫއަށް ދޭ 24 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޒަރީއާ އިން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ އެވެ.

މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިވަގުތު ފޯރުކޮށްދެވޭ އިޖުތިމާއީ ރައްކާތެރިކަމުގެ ހަމައެކަނި ވަސީލަތަކަކީ ޕެންޝަން ކަމަށް ވާއިރު، އޭގެ ސަބަބުން މަސައްކަތްތެރިން ލޮޅުންތަކަށް ހުށަހެޅޭ މިންވަރު ބޮޑެވެ. ސެއިލްސް މަޝްރޫއު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެ އެވެ.

'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'އަށް ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށް، އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުޢާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ އެވެ. ހަމަ އެއާ އެކު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދެވޭނެ އެވެ.

"މިއަދު އަޅުގަނޑުމެން މި ސޮއިކުރި ހިލޭ އެހީގެ ދެ އެއްބަސްވުން މެދުވެރިކޮށް ވޯލްޑް ބޭންކުން ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށ ްބޮޑު އުފަލެއް. މި ހިލޭ އެހީގެ ސަބަބުން، މުސްތަގުބަލުގައި މަސައްކަތްތެރިންނަށް ކުރިމަތިވެދާނެ އިގްތިސޯދީ ހީނަރުކަމުން ސަލާމަތްކޮށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ ފަރާތްތައް އަލުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް އެހީތެރިވެދޭނެ،" ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

"ހަމަ އެއާ އެކު، ދިވެހިރާއްޖެ އާއި ދިވެހިން އޭގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ވެސް މަގުފަހިވެގެންދާނެ،"

'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ.

'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.