ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެރިކަން ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތައް ދަނެގެންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ވެރިކަން ވެސް އަވަށްޓެރި ލަންކާގެ ހާލަތަށް ގޮސްފާނެކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިނގިރޭސި ބަހުން ޓުވީޓެއް ކުރައްވާފައި ވަނިކޮށެވެ. އަދި އޭނާ އެހެން ވިދާޅުވީ ރައީސް ޔާމީނަށް ރައްދު ދެއްވުމުގެ ގޮތުން ކަމުގައި ބެލެވެ އެވެ.

ލަންކާގެ އިގްތިސޯދީ ހާލަތަށް އަސަރު ކޮށް، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާއިރު، އެ ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި އާންމުން ވަނީ ސަރުކާރާއި ދެކޮޅަށް ނުކުމެފަ އެވެ. އަދި އެގައުމުގެ ރިޔާސީ ގަނޑުވަރު ހިފާފައިވާއިރު، އައު ލީޑަރަކު ހޮވުމަށް އިންތިހާބެއް ބާއްވަން ހަމަޖެހިފައިވާކަމުގެ ހަބަރުތައްވެސް ވަނީ ފެތުރިފަ އެވެ.

މިކަމާ ގުޅިގެން ދެއްވި ރައްދުގައި ޝަރީފް ވިދާޅުވީ، ރައީސް ސޯލިހަކީ ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް ބައްލަވައިގެން ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ހިކުމަތްތެރި ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ ބާރަކީ ކޮބައިކަން ބައެއް ބޭފުޅުންނަށް އޮޅިފައިވާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ބައެއް ބޭފުޅުންނަށް ހީވާކަހަލަ މުލިއާގެއަށް ވަދެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަފުޅުލައްޕަވާ އެނދަށް އަރައި ސެލްފީ ނެގުމަކީ އޭ ރައްޔިތުންގެ ބާރަކީ،" ޝަރީފް ވިދާޅުވި އެވެ.