ކޮލަމްބޯ (ޖުލައި 16) - ސްރީ ލަންކާގައި ހަމަޖެހޭ ސަރުކާރެއް ވަރަށް އަވަހަށް ގާއިމް ނުކުރެވިއްޖެ ނަމަ ގައުމު މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާ ވީރަސިންހަ ވިދާޅުވެއްޖެ އެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެންމެ އަސާސީ މުދަލަށް ފައިސާ ދައްކާނެ ބޭރު ފައިސާ އެކަށީގެންވާ މިންވަރަކަށް މިހާރު ވެސް ލަންކާގައި ނެތް ކަމަށެވެ.

"ލަންކާ އަށް ބޭރުގެ އެހީ ލިބުން ބިނާވާނީ ގައުމުގައި ހަމަޖެހޭ ސަރުކާރެއް ގާއިމްކޮށް، އެތެރޭގެ މަސްލަހަތު ހިފެހެއްޓޭ މިންވަރަކުން،" ވީރަސިންހަ ވިދާޅުވި އެވެ.

ސްރީ ލަންކާގެ އިގްތިސާދު ހީނަރުވެ، ބޭރު ފައިސާ ގާތްގަނޑަކަށް ހުސްވުމުން އިމްޕޯޓް މުދަލަށް ދައްކާނެ ޑޮލަރު ލިބުން ވަނީ ދަތިވެފަ އެވެ. އެހެންވެ ތެލެއް، ގޭހެއް، ބޭހެއް އަދި ކާބޯތަކެއްޗެއް ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލައިގެން ގޮސް، މެދުނުކެނޑި އެތައް ދުވަހެއް ވަންދެން މުޒާހަރާކޮށް، ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ވަނީ އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށްފަ އެވެ. ގޯޓަބަޔާ އިސްތިއުފާ ދެއްވީ ގައުމުން ބޭރަށް ވަޑައިގަތުމަށް ފަހު އެވެ. ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އާ ރައީސަކު އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޕާލަމެންޓުންނެވެ.

ލަންކާގެ ގިނަބަޔަކު ގަބޫލް ކުރަނީ އިގްތިސާދު އެހާ ދަށުދަރަޖައަކަށް ވެއްޓުނީ ސަރުކާރުގެ ހިންގުންތެރިކަން ނެތުމާއި ކޮރަޕްޝަން އިންތިހާ އަށް ދިއުމުން ކަމަށެވެ.

މިދިޔަ އެޕްރީލް މަހު ގަވަރުނަރުކަމާ ހަވާލުވެވަޑައިގެންނެވި ވީރަސިންހަ ވިދާޅުވީ ހަމަޖެހޭ ވެރިކަމެއް ގާއިމްކޮށްގެން ނޫނީ ލަންކާ އަށް ކުރިއަށް ދެވޭނެ އެއްވެސް މަގެއް އޭނާ އަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"މިމަސް ނިމެންވާ އިރަށް ޑީސަލްގެ ދެތިން ޝިޕްމަންޓަކަށް އަދި ޕެޓްރޯލްގެ ދެ ޝިޕްމަންޓަކަށް ފައިސާ ދެއްކިދާނެ. އެކަމަކު އޭގެ ފަހުން ގައުމަށް ބޭނުންވާ ތެޔޮ އެތެރެކުރަން ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް،" ގަވަރުނަރު ވިދާޅުވި އެވެ. "އެ ހާލަތަށް ވެއްޓިއްޖެ ނަމަ ގައުމު ހުއްޓުމަކަށް އަންނާނެ. އެކަމުން އަރައިގަތުމަށްޓަކައި ހަރުދަނާ ކެބިނެޓަކާއި ރައީސަކާ އަދި ބޮޑުވަޒީރެއް ބޭނުންވޭ."

ބެއިލްއައުޓް ޕެކޭޖެއް ހޯދުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކު ވީރަސިންހަ މަޝްވަރާ ކުރައްވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

"އެހީދޭ ފަރާތްތަކާ އެކު ބާއްވާ މަޝްވަރާތައް ވެސް ކާމިޔާބުވުން ބިނާވާނީ ލަންކާގައި ހަމަޖެހޭ ވެރިކަމެއް ގާއިމްކުރެވިގެން. ސަރުކާރެއް ގާއިމް ކުރެވިއްޖެ ނަމަ ހަތަރު، ފަސް މަސްތެރޭ މިކަމުން އަރައިގަނެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ވީރަސިންހަ ވިދާޅުވި އެވެ.

ލަންކާގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ބޭފުޅުންގެ ތެރޭގައި ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ ނަން ވެސް ހިމެނެ އެވެ. ނަމަވެސް ވީރަސިންހަ ވިދާޅުވީ ސިޔާސީ އެއްވެސް މަގާމަކަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.