ކޮވިޑަށް ފަހު ގިނަ ބޮލީވުޑް ފިލްމުތަކެއް ސިނަމާއަށް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ގިނަ ފިލްމުތަކެއް ސޫޓިންތައް ކުރިއަށްދާއިރު ބައެއް ފިލްމުތައް ޝޫޓިންތައް ވަނީ ނިންމާލާފަ އެވެ. މީގެ އިތުރުން ސިނަމާގައި އަޅުވާނެ ތާރީހުތައް އިއުލާނުވެސް ބައެއް ފިލްމުތަކުގެ ޕްރޮޑިއުޝަރުން ވަނީ ކޮށްފަ އެވެ.
އެހެން ނަމަވެސް ބައެއް ސަބަބުތަކާއި ހެދި މިހާރު ކުރިން ސިނަމާތަކުގައި އަޅުވާނެ ކަމަށް އިއުލާނު ކޮށްފައިވާ ފިލްމުތައް ރިލީޒްކުރާ ތާރީހު މިވަނީ ފަސްކޮށްފަ އެވެ.
އެގޮތުން ބޮލީވުޑްގެ ޒުވާން ދެ ފަންނާނުން ކަމަށްވާ ކާތިކް އާރްޔަން އާއި ކްރިތީ ސަނަން އެކުގައި ފެނިގެންދާ ފިލްމު ”ޝެހެޒާދާ“ ރިލީޒްކުރާ ތާރީހު މިވަނީ ފަސްކޮށްފަ އެވެ. ކުރިން މި އަހަރުގެ ނޮވެމްބަރު މަހު ހަތަރު ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކުރި މި ފިލްމު އަންނަ އަހަރަށް ފަސްކުރީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ރޯހިތު ދަވަން ޑައިރެކްޓްކުރާ ”ޝެހެޒާދާ“ މިހާރު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ.
"ޝެހެޒާދާ" އަކީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ 2020 ގެ އެކްޝަން ޑްރާމާ "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ.
"ޝެހެޒާދާ"ގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފުރަތަމަ ކޮމެޑީ ފިލްމު "ފޯނު ބޫތު" ރިލީޒްކުރާ ތާރީހުވެސް މިވަނީ ފަސްކޮށްފަ އެވެ.
ގުރްމީތު ސިންގް ޑައިރެކްޓްކުރާ ފޯނު ބޫތަކީ ކެޓްރީނާގެ އިތުރުން ޒުވާން ތަރި އިޝާން ކައްޓާރާއި ސިދާންތު ޗަތުރްވޭޑީ ލީޑު ރޯލު ކުޅޭ ފިލްމެކެވެ. ކެޓްރީނާ ކުޅޭ ފުރަތަމަ ބިރުވެރި-މަޖާ ޖޯންރާގެ އެ ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު ހަތަރެއްގަ އެވެ . މިއީ މިފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކުރި ތިން ވަނަ ފަހަރު އެވެ.
"ފޯނު ބޫތު" ރިލީޒްކުރާ ތާރީހާ ކައިރިކައިރީގައި އިތުުރު ދެ ފިލްމެއް ވެސް ރިލީޒްކުރަން ކުރިން އޮތީ ނިންމައިފަ އެވެ. އެއީ ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅޭ ފިލްމު "ތެޖާސް" އާއި ރާޖު ކުމާރާއި ޖާންވީ ކަޕޫރްގެ ފިލްމު "މިސްޓާ އެންޑް މިސިސް މާހީ" އެވެ.
މި ދެ ފިލްމުގެ އިތުރުން ގިނަ ދުވަސްތަކެއް ފަހު ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެޓް ކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކުގައި އަޅުވާ ތާރީހު ބަދަލުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުރިން މިފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދިހަ ވަނަ ދުވަހު އެވެ.\
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަންވީރު ސިންގް އަދި އާލިއާ ބަޓް އެކުގައި ލީޑުން ފެނިގެންދާ މި ފިލްމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެއީ އާލިއާ ބަނޑުބޮޑުވުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެގޮތުން މި ޖުލައި މަހަށް ޝެޑިއުލްކޮށްފައިވާ ޝޫޓިންތައް ނިންމާލުމަށް ފަހު ފިލްމުގެ ޓީމު ނަގާނީ ބްރޭކެކެވެ. އޭގެ ފަހުން ފިލްމުގެ ޝޫޓިންތައް ފަށަން ހަމަޖެހިފައި ވަނީ އާލިއާ ވިހެއުމުން އަންނަ އަހަރު އެވެ.
މި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވާއިރު، އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސައިފް އަލީ ޚާނާއި އަމްރީތާގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ފިލްމުގައި މަސައްކަތް ކުރާނެ އެވެ.