ދިވެހި ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
މި ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގަ އެވެ.
މި ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، ހައިކޯޓުގެ ފަނޑިޔާރުން ގާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެއްވުމެވެ. އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެންކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހަވާލުކުރެއްވުން ހިމެނެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންޖެހެ އެވެ.
މި ގާނޫނުގެ ދަށުން ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެ އެވެ.
ކޯޓުތަކުގެ ގާނޫނުގެ ދަށުން އުތުރާއި ދެކުނުގައި ގޮފި ހަދައި ޚިދުމަތް ދޭން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ހައިކޯޓުގެ ގޮފިތަކަށް އޭރު ފަނޑިޔާރުން އައްޔަން ކުރި ނަމަވެސް ގޮފިތަކުގައި އެދެވިގެންވާ ގޮތުގައި މަސައްކަތްތައް ކުރިއަކަށް ނުގެންދެވެ އެވެ.