ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށާއި އެގޮތުން 122 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އިއްޔެ މެންދުރު ފަހުން ފެށިގެން ވެހެން ފެށި ވާރޭ ހުއްޓާ ނުލައި ގާތްގަނޑަކަށް 5 ގަޑިއިރަށް ވުރެ ގިނައިރު ވެހުނެވެ. އަދި އެއާއެކު މާލޭގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތަކާ ކުރިމަތިވި އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފުން ވަނީ ފެން ހިއްކުމުގެ މަސައްކަތް މިރޭ ކުރި އެވެ. އެގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު (އެފްއާރުއެސް)އިން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވެ އެވެ.
މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ބަހައްޓައިގެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.
މެޓް އޮފީހުން ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ލަފާކުރެވިފައި ވަނީ މާލެއަށެވެ. އެއީ ހުޅުލެއަށް ވެހުނު ކަމަށް ރެކޯޑުކުރެވުނު 122 މިލިމީޓަރުގެ ވާރެ އެވެ.
އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވަރަށްބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާތެވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ގެއްލުންވެގެން އެއްވެސް ފަރާތަކުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ރިޕޯޓެއް ލިބިފައި ނުވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެ އެވެ.