ދިޔަރެސް ނޫހުގެ ޗީފް އެޑިޓަރު އަހްމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އައިޖީއެމްއެޗްގެ ޑާޓާ ބޭސްއިން ބޭނުން މީހަކަށް ފަސޭހަކަމާއެކު ބޭނުން މީހެއްގެ މައުލޫމާތު ބެލޭކަން ފާހަގަކުރެވި އެ މައްސަލަ ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައުމަށްފަހު ރިޕޯޓުކުރި މައްސަލައިގެ ތަހުގީގަށެވެ.

އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 3:00 އަށެވެ.

އަޒާން ފުލުހަށް ހާޒިރުވާން އެންގިއިރު، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި, ނޫސްވެރިންގެ "ކަރަށް ބާރުވާ ގޮތަށް" ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއްޔެ ތަސްދީގު ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވީ 180 އަށް ވުރެ ގިނަ ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާއަށް މި ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޕެޓިޝަނެއް ވެސް ހުށައަޅާފައި ވަނިކޮށެވެ.

ވަކި ހާލަތެއްގައި މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގަ އެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެ އެވެ.