މުސްލިމްއަޅަކަށް ދުނިޔެމަތީ މާތް ﷲ ދެއްވާނޭ އެންމެ މަތިވެރި އެއް ނިޢުމަތަކީ އެ އިލާހުގެ ގެކޮޅަށް އެ މީހަކު ގެންނަވައި، އެ މީހަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަސްކޮށްދެއްވުމެވެ. މަބްރޫރު ޙައްޖެއް ދެއްވުމެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ޙަދީޘްގައި ވަނީ، މަބްރޫރު ޙައްޖެއްގެ ސަވާބަކީ ސުވަރުގެ ކަމެވެ. އަދި، ފާފައާއި އުނިކަންކަމުން އެއްކިބާވެފައިވާ ޙައްޖެއް އަދާކުރާ މީހަކީ އޭނާގެ މަންމަގެ ބަނޑުން އުފަންވި އިރު އޮތް ފަދައިން ފާފަތަކުން ސާފުޠާހިރުވެފައިވާ މީހެއް ކަމެވެ.

މަބްރޫރުގެ ޙައްޖެއްގެ ނިޢުމަތުގެ މަތިވެރިކަމަކީ މިއީއެވެ. އެ މީހެއްގެ ހުރިހާ ފާފަތަކެއް މާތް ﷲ ފުއްސަވައިދެއްވުމެވެ. ފާފައެއް ނެތް އައު ޙަޔާތެއް ފަށައިގަތުމުގެ ފުރުޞަތު އަނެއްކާ ވެސް އޭނާއަށް ލިބިގެންދާތީއެވެ. ޙަޔާތުގެ ދަތުރުނާމާ އައު ޞަފްޙާއަކުން ފަށައިގަތުމުގެ ފުރުޞަތެވެ.

މިފަދަ މަތިވެރި ނިޢުމަތެއް ލިބިއްޖެ މީހަކު ވިސްނާންވީ، މި ނިޢުމަތަށް ރައްކައުތެރިވުމަށެވެ. ޙަޔާތުގެ ބާކީ އޮތް ބައި ހެޔޮގޮތުގައި ހޭދަކުރުމަށެވެ. ކުރީން ކުރެވިފައިވާ ފާފަތަކާއި ޙައްޖާ ޖެހޭންދެން ވެސް ކުރަމުން އައި ފާފައެއް ވާ ނަމަ، އެ ފާފަތަކުން ތެދުވެރި ތައުބާއަކުން ތައުބާވެ، އެ ފާފަތަކަށް ދެން ދުވަހަކު ވެސް އަރައިނުގަންނާން ޢަޒުމު ކަނޑައެޅުމެވެ. ޢަރަފާތް މާތް ބިމުގައި ވި ތައުބާއާއި އައުކުރި ޢަޒުމް އިތުރަށް ވަރުގަދަކޮށް އައު ކުރުމެވެ.

އެހެނަސް، ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނީ ފާފަތަކުން ތައުބާވިއެއް ކަމަކު ކުރީން ކުރަމުން އައި ފާފަތަކުން އެއްކިބާވާ ބައެއް ނޫނެވެ. އެފަދަ މީހުން ޙައްޖުން އެނބުރި އައިސް ހަމަ އެ ފާފަތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަ ތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ.

ތެދުވެރި ތައުބާއަކުން ތައުބާވުމަކީ، މާތް ﷲއަށް އިސްތިޣްފާރުކޮށް އެ ފާފައެއް ފުއްސެވުމަށް އެދުމަށް އެދި ހަމައެކަނި ދެންނެވުމެއް ނޫނެވެ. އެއީ ތައުބާވުމުގެ މުހިންމު ބައެކެވެ. ތައުބާވުމުގެ މުހިންމު އަނެއް ބަޔަކީ އެ ކުރަމުން އައި ފާފަތަކުން އެއްކިބާވުމެވެ. އެކަމުން ދުރަށް ދިޔުމެވެ. އެ ފާފަތަކަށް އަރައިނުގަންނާން ޢަޒުމު ކަނޑައެޅުމެވެ. މީހެއްގެ ޙައްޤެއް އެކުލެވޭ ފާފައެއް ނަމަ، އެ ޙައްޤެއް އަދާކުރުމެވެ. ހިތްޙަލާލު ހޯދުމެވެ.

ދަންނާން ޖެހޭ ޙަޤީޤަތަކީ، އިންސާނުންނަށް ވީތީ ފާފަކުރެވޭނެއެވެ. ފާފައަކަށް އެރިދާނެއެވެ. ޣަފްލަތުގެ ވަގުތާއި ބަލިކަށިވާ ވަގުތަކީ އިންސާނީ ޠަބީޢަތެވެ. އެއީ ތެދުވެރި ތައުބާއަކުން ތައުބާވެފައިވާ މީހާއަށް ވެސް ދިމާވެދާނޭ ކަމެކެވެ. ނަމަވެސް އެއީ ފާފަކުރާން އޮތް ޢުޒުރެއް ނޫނެވެ. ފާފަ މަތީގައި ދެމިހުރުމަށް އޮތް ބަހަނާއެއް ވެސް ނޫނެވެ. ޣަފްލަތުގައި ފާފައެއް ކުރެވިއްޖެއްޔާ އެ މީހަކަށް އޮތީ ހޭވެރިވުމާ އެކު އެ ފާފައަކުން ތައުބާވުމެވެ. ގިނަގިނައިން ތައުބާވުމުވެ. މާތް ﷲ ލޯބިވެވޮޑިގެންވަނީ ތައުބާވާ އަޅުން ދެކެއެވެ.

މާތް ﷲ ފަރުޟުކުރައްވައިފައިވާ މަތިވެރި އަޅުކަންތަކުގެ މައިގަނޑު އެއް މަޤްޞަދަކީ އެ އަޅުކަންތަކުން މުސްލިމްއަޅާއަށް ތަޤްވާވެރިކަން ހާސިލުވުމެވެ. ޙަޔާތަށް ހެޔޮ ބަދަލުތަކެއް އައުމެވެ. ފާފައިން ދުރުވުމެވެ. އާޚިރަތް މަތިން ގިނަގިނައިން ހަނދާންކުރުމެވެ. ދުނިޔެވީ ދަޅަތަކުގެ އަޅަކަށް ވުމުގެ ބަދަލުގައި، ހަމައެކަނި މާތް ﷲގެ އަޅެއްގެ ގޮތުގައި ދުނިޔޭގެ ޙަޔާތް ވެއަތުކުރުމެވެ.

ޙައްޖުގެ މައިގަނޑު މަޤްޞަދަކީ ވެސް އެއީއެވެ. މާތް ﷲގެ ވަޙްދާނިއްޔަތު ގަބޫލުކުރާ ފުރިހަމަ މުވައްޙިދެއްގެ ގޮތުގައި ޙަޔާތުގެ ބާކީ ބައި ހޭދަކުރުމެވެ. އަދި އެ އިލާހުގެ ދިންނެވުމާއި ފުއްސެވުން ލިބި ސުވަރުގޭގެ އަހުލުވެރީންގެ ތެރޭގައި އެ މީހަކު ހިމެނިގެން ދިޔުމެވެ.

ނިންމައިލުމުގެ ކުރީން އަދި އެއް ކަމަކަށް އަލިއަޅުވައިލާނަމެވެ. އެއީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރަމުން ދާ ފާފައެއްގެ ވާހަކައެވެ. އެއީ ދުންފަތުގެ އިސްތިޢުމާލުކުރުމެވެ. ޙައްޖުގެ އެންމެ މަތިވެރި އަޅުކަމުގައި، އެ މަތިވެރި މަޤާމުގައި ވެސް، އެންމެ މަތިވެރި މަޝާޢިރުތަކުގައި ވެސް އެބައިމީހުންނަށް އެކަން ހުއްޓޭ ގޮތެއް ނުވެއެވެ. ޢަރަފާތް މާތް ބިމުގައްޔާއި، މުޒްދަލިފާމިނާގައްޔާއި، ޤާއިމުވެ ތިބޭ ހޮޓަލަށް އެނބުރި އައުމަށް ފަހު ވެސް އެބައިމީހުންގެ އިނގިލިތަކުން އެ އެއްޗެއް ވަކިވާ ގޮތެއް ނުވެއެވެ. ކައިރީގައި ތިބޭ އެހެން ޙައްޖުވެރީންނަށް ވެސް އޭގެ އުނދަގޫ ފޯރާ ފަހަރު ވެސް މަދެއް ނޫނެވެ. މިއީ، މީހާގެ ޙައްޖަށް އިންތިހާއަށް އުނިކަން އަންނާނޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

މިފަދަ ކަންކަމަކީ ޙައްޖު ދަތުރުގައި ތައުބާވެ ހުއްޓައިލާން ޖެހޭ ކަންކަމެވެ. މަބްރޫރު ޙައްޖެއް ލިބުމާއި، އެ ޙައްޖަށް ރައްކައުތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.