މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ފަންނާނުންގެ މިއުޒިކީ ޝޯ އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ މިފަހަރު ބާއްވާ ފަންނާނުންގެ މިއުޒިކީ ޝޯ ބޭއްވުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގައި ކަމަށެވެ. އަދި މިޝޯ އޮންނާނީ މިނިވަން ދުވަހާ ދިމާކޮށް އަންނަ އަންގާރަ އަދި ބުދަ ދުވަހު ކަމަށްވެސް އެންސީއޭއިން ބުންޏެވެ.

މިއީ މާލެއިން ބޭރުގައި މި ޝޯވ ބާއްވާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޝޯގައި އައްޑޫގެ ދެ މިއުޒިކް ބޭންޑަކާއި، ބައެއް އާޓިސްޓުން ބައިވެރިވާނެކަމަށެވެ. މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާ ފަންނާނުންވެސް ބައިވެރިވާނެ އެވެ.

މީގެއިތުރުން ނެށުމުގެ ފަންނުވެރިކަމުގައި މަސައްކަތް ކުރާ ފަންނާނުން ބައިވެރިވާނެކަމަށްވެސް އެންސީއޭއިން ހާމަކުރެ އެވެ.

މިޝޯ ބާއްވަނީ އެންސީއޭ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.

އެންސީއޭއިން ބުނީ މިފަހަރުގެ ޝޯ ގެނެސްދޭނީ އެސްޓީއޯ، އެމްޓީސީސީ އަދި އުރީދޫގެ ސްޕޮންސާ އާއެކު ކަމަށެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯ އަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ޒުވާނުންނާ އާއްމުންގެ ތަރުހީބުވެސް ވަރަށް ބޮޑަށް ލިބެމުންދާ ހަރަކާތެކެވެ. ކޯވިޑްގެ ހާލަތުގައި އޮތްއިރުވެސް މި ޝޯ ވާޗުއަލްކޮށް ކުރިއަށްގެންގޮސްފައިވެ އެވެ.