ވޮޝިންޓަން (22 ޖުލައި) - ދުނިޔޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ މަންކީ ޕޮކްސް ކޭސްތައް އިތުރުވަމުން ދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފި އެވެ.

މަންކީ ޕޮކްސްއަކީ މީގެ ކުރިން ވެސް އެފްރިކާގެ ބައެއް ގައުމުތަކުން ފެނިފައިވާ ބައްޔަކަށް ވި ނަަމަވެސް މިފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލި ދަނީ ފެންނަމުންނެވެ.

ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް 70 ގައުމަކުން މަންކީ ޕޮކްސް ފެނިފައިވާއިރު މިއީ ގްލޯބަލް ހެލްތު އެމަޖެންސީއެއްގެ ގޮތުގައި ބަލައިގަނެވޭ ކަމަށެވެ.

މަންކީ ޕޮކްސްގެ ސަބަބުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަކީ މިކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްޔ ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

މި ބައްޔަށް ހާއްސަ ވެކްސިންއެއް މިހާތަނަށް ތައްޔާރު ކުރެވިފައި ނެތް ނަމަވެސް ޑަބްލިއުއެޗްއޯގެ މި ފިޔަވަޅާއެކު ވެކްސިން ތަރައްގީކުރުމުގެ މަސައްކަތްތައް އަވަސްވާނެ ކަމަށް ބެލެވެ އެވެ.

ޑަބްލިއުއެޗްއޯއިން މިއަދު ކުއްލި ހާލަތު އިއުލާންކުރި ނަމަވެސް މިދިޔަ މަހު އެ ޖަމިއްޔާއިން ވަނީ މަންކީ ޕޮކްސްގެ ހާލަތު އެހާ ގޯސް ނުވާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ޑަބްލިއުއެޗްއޯއިން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރި ބަލިތަކުގެ ތެރޭގައި ކޮވިޑް 19، އެބޯލާ އަދި ޒީކާ ވައިރަސް ހިމެނެ އެވެ. -- އަލް އަރަބިއްޔާ