ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލްއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެޓްރީނާ އާއި ވިކީއަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގަ އެވެ.

މި މައްސަލަ މުމްބާއީގެ ސަންޓާ ކްރޫޒް ޕޮލިސް ސްތޭޝަނަށް ހުށަހެޅުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެ ދެ ތަރިންނަށް އިންޒާރު ދިން މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ލަކްނޯއަށް ނިސްބަތްވާ މަންވިންދަރް ސިންގް ކިޔާ މީހެކެވެ. އޭނާ ކެޓްރީނާގެ ދެމަފިރިންނަށް އިންޒާރު ދިނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

މި މައްސަލާގައި މަންވިންދަރު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

https://www.instagram.com/p/CdnKAElOAen/?hl=en

ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ އާއެކު އުފަންދުވަސް ފާހަގަކުރުމަށް ދާދި ފަހުން ރާއްޖެ ވަނީ އައިސްފަ އެވެ.

https://www.instagram.com/p/CgJBBNRPHhs/?hl=en

މިދިޔަ އަހަރުގެ ފަހުކޮޅު ކައިވެނިކުރި ކެޓްރީނާ އާއި ވިކީގެ ހަނީމޫނަށް ވެސް އައީ ރާއްޖެއަށެވެ. މިއީ އެ މީހުންގެ ކައިވެންޏަށް ފަހު ރާއްޖެ އަށް ޒިޔާރާތްކުރި ދެވަނަ ފަހަރެވެ.

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކުގައި ކުރިއަށް އޮތީ "ފޯނު ބޫތު" އެވެ. އެ ފިލްމުގެ އިތުރުން ޓައިގާ 3 ގައި ވެސް ކެޓްރީނާ ފެންނާނެ އެވެ. ވިކީގެ ވެސް ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.