ތެހްރާން (26 ޖުލައި) - ހުޅަނގުގެ ގައުމުތަކުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް އަވަސް އަރުވާލައިގެން ނިއުކްލިއާ އެއްބަސްވުން ނުނިންމާނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން މިހެން ބުނެފައި މިވަނީ 2015 ވަނަ އަހަރު އެގައުމާއި ހުޅަނގުގެ ބާރުތަކާ މެދު ވެވުނު އެއްބަސްވުން އަލުން އިޔާދަ ކުރުމުގެ މަޝްވަރާތައް ފެށުމަށް ހުޅަނގުން ބާރު އަޅަމުން ދާ ވަގުތެއްގަ އެވެ.

"ހުޅަނގުން ބޭނުންވަނީ އަހަރުމެން ވީހާވެސް އަވަހަކަށް އެއްބަސްވުން ނިންމަން، އެކަމަކު އަވަސް އަރުވާލައިގެން އީރާނުގެ ކަންބޮޑުވުންތަކަށް އަލިއަޅުވާނުލާ އެކަމެއް ނުނިންމޭނެ" އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަސީރު ކަނާނީ ވިދާޅުވި އެވެ.

ކަނާނީ އިތުރަށް ވިދާޅުވީ ހުޅަނގުން ބޭނުންވަނީ އީރާނަށް ފިއްތުންތައް ކުރިމަތި ކޮށްގެން އެގައުމުތަކުން ބޭނުންވާ ގޮތަށް އެއްބަސްވުން އަނބުރާލަން ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން ހުޅަނގާއި އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔައަޅުތައް ލުއި ކުރުމުގެ ބަދަލުގައި އީރާނުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް މަޑު ޖައްސާލަން އެއްބަސްވެފައިވެ އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެގައުމުން މި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އީރާނުން ވެސް ވަނީ ނިއުކްލިއާ ހަރަކާތްތައް ވަރުގަދަ ކޮށްފަ އެވެ.

މި އެއްބަސްވުން އަލުން އިޔާދަ ކުރުމުގެ މަޝްވަރާތައް ފަށާފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވި ފަހުންނެވެ. -- އަލް އަރަބިއްޔާ