ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރު ވިކީ ކައުޝަލްގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ގޯވިންދާ ނާމް މެރާ" ގައި ރަންބީރު ކަޕޫރު ބައިވެރިކުރާތީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރެސް ކެޓްރީނާ ކައިފް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ވިކީ އަކީ ކެޓްރީނާގެ ފިރިމީހާ އެވެ. އަދި ރަންބީރަކީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އިން ގެނެސްދޭ "ގޯވިންދާ މޭރާ ނާމް"ގައި ލީޑް ތަރިން ގޮތުގައި ފެނިގެންދާނީ ވިކީ އާއި ކިއާރާ އަދުވަނީ އަދި ބޫމީ ޕިޑްނޭކަރު އެވެ.

ޝިޝާންކް ކައިތާން ޑައިރެކްޓް ކުރާ މިފިލްމުގެ ބައެއް ޕޯސްޓަރުތައްވެސް މީގެ ކުރިން ވަނީ އާންމުކޮށްފަ އެވެ.

މިފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާނު ކޮށްފައިނުވާއިރު ރަންބީރު ކަޕޫރުގެ ހާއްސަ ފެނިލުމެއް މިފިލްމުގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަންބީރު މިފިލްމުން ފެނިގެންދާނެ ކަމަށް އަޑު އިވުމާއި ގުޅިގެން ފިލްމު އުފައްދާ ޓީމަށް ކެޓްރީނާ ޝަކުވާ ހުށައަޅާފަ އެވެ. އަދި އެކަމާއި ހިތްހަމަނޖެހިގެން ކެޓްރީނާ ވަނީ ވާހަކަ ދައްކާފަ އެވެ.

https://www.instagram.com/p/CZ8-z_1NYaw/

ކެޓްރީނާ ހިތްހަމަނުޖެހުން ފާޅުކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކެޓްރީނާ އަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ މައްސަލަތަކާއި ގުޅިގެން ވިކީގެ ކެރިއަރު ހަލާކުވެގެން ގޮސްދާނެ އެވެ.

މީގެ ކުރިން ރަންބީރާ އާއި ވިކީ ވަނީ މައްސަކަތް ކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ސަންޖޫ" ގަ އެވެ. އަދި ކެޓްރީނާވެސް ރަންބީރާ އެކު ވަނީ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އެ ފިލްމުތަކުގެ ތެރޭގައި 2016 ގެ "ޖައްގާ ޖާސޫސް" އާއި 2010 ގެ "ރާޖްނީތީ" އަދި 2009 ގެ "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ.

ކެޓްރީނާ އާއި ރަންބީރް ރުޅިވީ ދެ އަހަރެއްހާ ދުވަހު "ލިވްއިން ރިލޭޝަންޝިޕެއް" ގައި އުޅެފައި 2017 ގެ ފަހުކޮޅު އެވެ. ރަންބީރާ ކެޓްރީނާ ރައްޓެހިވީ ސަލްމާން ޚާނާ ރުޅިވުމަށް ފަހު އެވެ. އަދި ރަންބީރް ކެޓްރީނާއާ ރައްޓެހިވީ ދީޕިކާ ޕަދްކޯން ދޫކޮށްލުމަށް ފަހު އެވެ.

ކެޓްރީނާ އާއި ވިކީ 2019 ގައި ރައްޓެހިވުމަށް ފަހު ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގަ އެވެ. އަދި ރަންބީރާއި އާލިއާ ބަޓް ކައިވެނިކުރީ މިދިޔަ އެޕްރީލް މަހުގެ 14 ގަ އެވެ.