ފިގުހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ހަރަކާތްތެރި ކުރުވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީސް ހަރަކާތްތެރިވުމަށް ޑރ. ޝަހީމް ގޮވާލާފައިމިވަނީ ޔޯގާ މައްސަލާގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގައި އެވެ. މިމައްސަލައާއި ގުޅިގެން އެކި ބޭފުޅުން ތަފާތު ގޮތްތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން ދިވެހިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވީޓްގެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުވާ މަޖިލިސް ހަރަކާތެރިކުރުވުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށާއި، އެކަން ނުކޮށްފި ނަމަ ގައުމު ދީނީ ގޮތުން ބައިބައިވެގެން ހިނގައިދާނެ ކަމަށެވެ.

ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ ނޫންތޯ އާއްމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށި ހިޔާލު ތަފާތުވުންތައް އުފެދި، އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގި އިރު ފަތުވާ މަޖިލިސް އޮތީ ގާނޫނީ ހުސްކަމެއްގަ އެވެ.

ފަތުވާ މަޖިލީހުގެ ރައުޔެއް އެކަމުގައި ނެތް އިރު، އަދާލަތު ފާޓީގެ އިލްމުވެރިން އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ބުނީ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވީ ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށެވެ.

ރައީސް މައުމޫނަކީ އަލް އަޒްހަރު ޔުނިވާސިޓީން އުސޫލުލްފިގްހުގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުވާ މަޖިލީހަށް އާ މެންބަރުން އައްޔަންކޮށްފައެއް ނުވެ އެވެ.

އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އެންމެ ފަހުން މެންބަރުން އައްޔަންކުރި ފަހުން ދައުރު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.

ފަތުވާ މަޖިލިސް ހަރަކާތްތެރިނުވާތީ މީގެ ކުރިން ވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.