ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނީގެ ވާހަކަތަކަކީ ފަހަކަށް އައިސް އެންމެ ގަދައަށް ބޮލީވުޑްގައި ދެކެވުނު ވާހަކަތަކެވެ.

ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، މިހާރު އާލިޔާ އާއި ރަންބީރު ދަނީ އެ ދެމަފިރިންނަށް ލިބެން އުޅޭ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ދެމަފިރިންނަށް ލިބެން އުޅޭ ދަރިފުޅާ މެދު އާންމުން ދަނީ ތަރިންނާ ސުވާލު ކުރަމުންނެވެ.

އެގޮތުން އާލިޔާއަށް ޓްވިންސެއް ލިބޭ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރިފައިވާއިރު، އެ ވާހަކަތައް އާންމުންގެ މެދުގައި ދެކެވެން ފަށާފައިވަނީ، ރަންބީރު، "ފިލްމު ކޮމްޕޭނިއަން" އަށް ދިން އިންޓަވިއުއެއްގައި ކުޅުނު ގޭމެއްގެ ތެރެއިންނެވެ.

ގޭމުގެ ކުޅުމުގެ ތެރެއިން ރަންބީރަށް ވަނީ ދޮގު މައުލޫމާތަކާ، ދެ ދެތެދު މައުލޫމާތެއް ދިނުމަށް އަންގާފަ އެވެ. ގޭމުގައި ރަންބީރު ބުނެފައިވާ ތިންކަމަކީ، އޭނާއަށް ޓްވިންސެއް ލިބެން އުޅޭ ކަމަށާއި، އޭނާ ބޮޑު ފިލްމެއްގެ މަސައްކަތެއް ކުރަން އުޅޭ ކަމުގެ ވާހަކައާ، ބޮޑު ޗުއްޓީއަކަށް ދާން އުޅޭ ކަމަށެވެ.

އޭނާ މިހެން ބުނިއިރު، މީގެ ފަހަތުގައިވާ ހަގީގަތާ މެދު އާންމުން ތިބީ ސުވާލު އުފެދިފަ އެވެ. އަދި ހަގީގަތް ހާމަކޮށްދިނުމަށް އެދި އާންމުން ވަނީ ދެތަރިންގެ ގާތުގައި ވެސް ސުވާލުކޮށްފަ އެވެ.

މިކަމާ ގުޅިގެން އާންމުންނަށް މައުލޫމާތު ދެމުން އާލިޔާ ވަނީ އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެއީ ރަންބީރު ސަމާސާއަކަށް ދެއްކި ވާހަކަތަކެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އެ ދެމީހުން ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް 14 ވަނަ ދުވަހުގަ އެވެ.