އައްމާން (28 ޖުލައި) މެދުއިރުމަތީގެ ސަރަހައްދީ ކުރިއެރުމުގައި ފަލަސްތީނުގެ ރައްޔިތުން ބައިވެރި ކުރަން ޖެހޭ ކަމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ރަސްގެފާނު މިހެން ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ޔާސިރު ލެޕިޑް އާ އެކު އުރުދުންގެ ވެރިރަށް އައްމާންގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެގޮތުން އަބްދުﷲ ރަސްގެފާނު ވަނީ އެމެރިކާއިން މާލީ އެހީތެރިކަން ދީގެން މެދުއިރުމަތީގައި ހިންގާ މަޝްރޫއުތަކުގައި ފަލަސްތީނުގެ ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ވަކި ދައުލަތެއްގެ ގޮތުގައި ފަލަސްތީން އޮތުމަކީ ދިގު މުއްދަތުގެ ސަރަހައްދީ ސުލްހައަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި އެއީ އަރަބީންނާއި ޔަހޫދީންނަށް ވެސް ފައިދާހުރި ގޮތް ކަމަށް ވިދާޅުވި އެވެ.
އެއާއެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް ވަރުގަދަ ކުރެވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެޕިޑް އުރުދުންއަށް ކުރެއްވި ދަތުރުފުޅުގައި ސަރަހައްދީ ކުރިއެރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ލެޕިޑްގެ މި ދަތުރަކީ މިމަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން އުރުދުން ހިމެނޭ ގޮތަށް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު އޭނާ ކުރެއްވި ފުރަތަމަ ދަތުރެވެ.