ޓެކްސްއަށް މަކަރު ހެދިކަން ސާބިތުވެއްޖެ ނަމަ ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއަށް އަށް އަހަރުގެ ޖަލު ހުކުމެއް ދިނުމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދެފި އެވެ.
ސްޕެއިންގެ ޕްރޮސެކިއުޓަރުން އުމުރުން 45 އަހަރުގެ ޝަކިރާގެ މައްޗަށް ތުހުމަތު ކުރަނީ 2012 އާއި 2014 އާ ދެމެދު ޓެކްސްގެ ގޮތުގައި 14.5 މިލިއަން ޔޫރޯނުދައްކާ، މަކަރު ހެދިކަމުގެ މައްސަލަ އެވެ. ނަމަވެސް ޝަކީރާ ބުނަނީ އެ މުއްދަތުގައި އޭނާ ސްޕެއިންގައި ދިރިއުޅެފައި ނުވާނޭކަމަށެވެ. ޝަކީރާ ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ހުށަހެޅި ހުށަހެޅުމަށް މިހަފްތާގެ ކުރީކޮޅު ދެކޮޅު ހަދާފަ އެވެ.
2012 އިން 2014 އަށް ސްޕެއިންގައި ދިރިއުޅުނުކަމަށް ބުނާ ވާހަކަތައް ޝަކީރާ ދޮގުކުރާއިރު، ސްޕެއިންގެ ޕްރޮސެކިއުޓަރުން ބުނަނީ އެ މުއްދަތުގައި "އޯޑިނަރީ ރެސިޑެންޓް" އެއްގެ ގޮތުގައި އޭނާ އުޅެފައިވާކަމަށެވެ.
ރޮއިޓާސްއަށް ފެނުނު ދައުލަތުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ޝާކިރާ ބާސެލޯނާގައި ގެއެއް ގަތީ 2012 ވަނަ އަހަރުގެ މެއި މަހު ކަމަށާއި އެއީ އޭނާ އާއި އޭނާގެ އާއިލާއަށް ދިރިއުޅޭ ގެއަކަށް ވާތީ ކަމަށް ތުހުމަތު ކުރެވެ އެވެ.
ޝަކީރާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަށް އަހަރަށް ޖަލަށް ލުމަށާއި 23.8 ޔޫރޯ އިން ޖޫރިމަނާ ކުރުމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ކޯޓުގައި ވަނީ އެދިފައިވެ އެވެ. ނަމަވެސް މިމައްސަލައިގައި ޝަރީއަތް ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
ޝަކީރާގެ ފަރާތުން މީޑިއާގައި ވާހަކަދައްކާ މަންދޫބު ބުނީ ކުށެއް ނުކުރާކަމުގެ ފުރިހަމަ ޔަގީންކަން ޝަކީރާއަށް އެބައޮތްކަމަށާއި، މިއީ އޭނާގެ ހައްގުތަކަށް އަރައިގަނެގެން ހިންގާ ކަމެއްކަމަށެވެ.
ޝާކިރާ ބުނާ ގޮތުގައި އޭނާ މިހާރުވެސް ސްޕެއިންގެ ޓެކްސް އޮތޯރިޓީތަކަށް 17 މިލިއަން ޔޫރޯ ދައްކާފައިވާއިރު، އެހެންކަމުން ބާކީ އެއްވެސް ދަރަންޏެއް ނެތް ކަމަށެވެ.
ޝާކިރާ، 45، އާއި ޕިކޭ، 35، އެކުގައި އުޅޭތާ 11 އަހަރު ފަހުން ދެ މީހުން ވަކިވުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގަ އެވެ. އެދެމީހުންގެ އުމުރުން ހަތް އަހަރާއި ނުވަ އަހަރުގެ ދެ ފިރިހެން ދަރިން އެބަތިއްބެވެ.