ސްޓްރީމިންގެ ހިދުމަތްތައް އައުމާއި މަގުބޫލުވުމުގެ ސަބަބުން މުޅި ދުނިޔޭގައިވެސް މުނިފޫހިފުލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މީގެ އަސަރުނުކުރާ އެއްވެސް ގައުމެއް ނެތެވެ. އެގޮތުން ރާއްޖޭއާ އެންމެ ކައިރިން އިންޑިއާގެ ފިލްމީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް މިހާރު މިވަނީ އައިސްފަ އެވެ.
ސިނަމާތަކުގައި ފިލްމު އެޅުމާއި އެއްވަރަށް ސްޓްރީމް މެދުވެރިކޮށްވެސް ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭ މިވަނީ ފަށާފަ އެވެ.
ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ ބައިނަލްއަގްވާމީ ސްޓްރީމިން ހިދުމަތްތަކާއި ޒީ5 އަދި ސޮނީލިވް ފަދަ އިންޑިއާގެ އަމިއްލަ ސްޓްރީމިން ހިދުމަތްތައްވެސް ވަނީ ފަށާފަ އެވެ. އެހެން ކަމުން ގިނަ އުފެއްދުންތަކެއް ސްޓްރީމިން ޕްލެޓްފޯމްއިން ގެނެސްދޭ ފެށި އެވެ.
މިހިދުމަތާއެކު ކުރީގެ ބައެއް ބޮލީވުޑް ތަރިންވެސް އޮންލައިން ޕްލެޓްފޯމްތަކުން ފެންނަށް ފެށި އެވެ. އެގޮތުން މަދޫރީ ޑިކްސިޓް އާއި ކާޖޮލް ފަދަ ހުނަރުވެރި ބަތަލާއިންގެ ކެރިއަރަށް އާ ދިރިއުޅުމެއް ލިބިގެންދިޔަ އެވެ. ދެން މިބަލައިލަނީ އޯޓީޓީއިން ފެނިގެންދާ 90 އަހަރު ތެރޭގައި ބޮލީވުޑްގައި ރަނިކަން ކުރަމުންދިޔަ ބައެއް ތަރިންނަށެވެ.
މަދޫރީ ޑިކްސިޓު
1980 އާއި 1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާ ތެރޭގައި ހިމެނޭ މަދޫރީ ޑިކްސިޓް ހިމެނެ އެވެ. އޭނާއަކީ ނެށުމާއި އެކްޓް ކުރުމަށް އަރާ ހުރި ފަންނާނެކެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ބަތާލާއެކެވެ.
1999 ވަނަ އަހަރު ކައިވެންޏަށް ފަހު ފިލްމީ ދާއިރާއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދިޔަނަމަވެސް މަދޫރީ މިހާރު މިވަނީ އެބުރި އޯޓީޓީ ޕްލެޓްފޯމަށް އައިސްފަ އެވެ. އެގޮތުން ނެޓްފްލިކްސްގެ " ދަ ފޭމް ގޭމް" އިން މަދޫރީ ފެނިގެންދެ އެވެ.
ސުޝްމީތާ ސެން
ލަލިތު މޯދީއާ ގުޅުން ބަދަހިކުރުމުގެ ސަބަބުން ޚަބަރުތަކުގައި އުޅޭ ސުޝްމީތާ ސެން އޯޓީޓީއަށް ތާއަރަފުވީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ދެއްކި 'އާރިޔާ' އިންނެވެ.
ރާމް މަދްވާނީ އާއި ސަންދީޕް މޯދީ ގުޅިގެން އުފެއްދި މި ސީރީޒް އަކީ ޑަޗް ޑްރާމާ ސީރީޒެއް ކަމަށްވާ 'ޕެނޯޒާ' ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކްރައިމް ތްރިލާއެކެވެ. "އާރިޔާ" އަށް ގާތްގަނޑަކަށް ފާޑުކިޔުންތެރިން ތައުރީފުކޮށްފައިވާއިރު މި ސީރީޒްގެ ދެ ވަނަ ބައެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކަރިސްމާ ކަޕޫރު
20 ވަނަ ގަރުނުގެ ފަހުކޮޅު ބޮލީވުޑްގެ އަނެއް މަޝްހޫރު ބަތަލާ ކަރިސްމާ އޯޓީޓީ އަށް ތައާރަފްވީ އެކްތާ ކަޕޫރުގެ އެލްޓީބަލާޖީ އާއި ޒީ5 އާ ގުޅިގެން ގެނެސްދިން "މެންޓަލްހޫޑް" އިންނެވެ.
އަދި ސަންޖޭ ސޫރީ، ސަންދްޔާ މުރިދުލް، ޝިލްޕާ ޝުކްލާ އަދި ޝްރޫތީ ސެތު ވެސް ލީޑް ރޯލުން ފެނިގެންދާ މި ސީރީޒްގައި ދައްކައިދެނީ މަންމައެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެވެ. އަދި އެއްދުވަހެއްގައި މަންމައަކު ކުރަންޖެހޭ މަސައްކަތް މިސީރީޒްއިން ފެނިގެންދެ އެވެ.
ކާޖޮލް
1990 ގެ އަހަރުތަކުގެ އެންމެ މަގުބޫލު ހިންދީ ދެ ފިލްމު އަދި މިހާތަނަށް ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ފިލްމު ('ދިލްވާލޭ ދުލްހަނިއާ ލެ ޖަޔަންގޭ' އަދި 'ކުޗް ކުޗް ހޯޓާ ހޭ') ގައި ވެސް ފެނިގެންދިޔަ މަޝްހޫރު ބަތަލާ ކާޖޮލް އޯޓީޓީގެ ސީރީޒެއްގެ މަސައްކަތް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިސީރީޒްއަށް ވަކި ނަމެއް ދީފައިނުވާއިރު މިސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.
ޝިލްޕާ ޝެޓީ
މި ލިސްޓުގައި ހިމެނޭ އެހެން ބަތަލާއިންނާއި ބަލާއިރު މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ މެދުކެނޑުމެއްނެތި ކޮންމެވެސް ވަރަކަށް ފިލްމުތަކުން ފެނިގެން ގޮސްފައިވާއިރު މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ ސުރުޚީތައް ގިނައިން އަރާ ތަރިއެއް ގޮތަށް ފާހަގަ ކުރެވެ އެވެ. ސަބަބަކީ ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ފިޓްނަސް އާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މީހުންނަށް ހިއްވަރު ދިނުމަށް މަސައްކަތް ކުރާ ތަރިއަކަށްވާތީ އެވެ.
އަދި 2018 ވަނަ އަހަރުގެ ޕްރައިމް ވީޑިއޯ ސީރީޒް "ހިއާ މީ ލަވް މީ" ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު، ޑްރާމާ ވެބް ސީރީޒް ޑެބިއު ކުރާނީ ރޯހިތު ޝެޓީގެ ޕްރައިމް ވީޑިއޯ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އިނެވެ. މި ސީރީޒްގައި ސިދާތު މަލްހޯތުރާ، ވިވެކް އޮބެރޯއީ، އަދި އިޝާ ތަލްވާރު ފެނިގެންދާނެ އެވެ.