ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފުރަތަމަ ފިލްމު އަޖޭ ދޭވްގަންގެ "ސިންގަމް" ގެ ތިން ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޕިންކްވިލާއަށް ދިން އިއްޓަވިއުއްގައި ފުލުހުންނާއި ގުޅުން ހުރި ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނީ އަންނަ އޭޕްރީލް މަހު ތެރޭގައި "ސިންގަމް 3" ޝޫޓިންތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފިލްމުވެގެންދާނީ މިހާތަނަށް ގެނެސްދޭ އެންމެ ބޮޑު "ކޮޕް ޔުނިވާސް" ފިލްމަށް ކަމަށް ރޯހިތު ބުންޏެވެ.

އަޖޭ އާއެކު "ސިންގަމް 3" ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެ ކުރިން ރޯހިތު ދިން އިއްޓަވިއުއްގައި ބުނެފައިވަނީ "ސިންގަމް" ގެ ފިލްމެއްގައި ވަރުގަދަ އަންހެން ފުލުހެއްގެ ކެރެކްޓާ ދައްކާލަން ބޭނުންވާ ކަމަށެވެ.

https://www.instagram.com/p/CdxIxO_hfEQ/

އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތު ޝެޓީ ކޮޕް ޔުނިވާސް ފިލްމުތައް ކަމަށްވާ ސިންގަމް، ސިމްބާ އަދި ސޫރިޔާވަންޝީ އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމުތަކެވެ. އަދި ބޮކްސް އޮފީހުގައި ކާމިޔާބުތަކެއް ހޯދާފައިވާ ފިލްމުތަކެވެ. ރޯހިތު ޝެޓީ މިހާރު އަންނަނީ މިއަހަރުގެ ޑިސެމްބަރު 23 ގައި ރަންވީރު ސިންގް ފެނިގެންދާ "ސާކަސް" ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް ރަންވީރު ސިންގްއާ އެކު ގެނެސްދިން 2018 ގެ "ސިމްބާ" އަށް ފަހު އެ ދެ މީހުން އެކީގައި ގެނެސްދޭ ފިލްމެކެވެ.

މަޝްހޫރު އަދީބު ޝޭކްސްޕެއާގެ ޕްލޭ "ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ގެނެސްދޭ "ސާކަސް" ގެ ކާސްޓްގައި ޖެކްލިން ފެނަންޑޭޒް، ވަރުން ޝަރުމާ އަދި ޕޫޖާ ހެގްޅޭ ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުން ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާއި އަޖޭ ވެސް ފެންނާނެ އެވެ.

https://www.instagram.com/p/CbzsW4LJ0hh/?hl=en

ރޯހިތު މިހާރު އަންނަނީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ކޮޕް ޔުނިވާސްގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ވެސް ހަދަމުންނެވެ. މީގެ ކާސްޓުންނަކީ ސިދާތު މަލޯތުރާ، ޝިލްޕާ ޝެޓީ އަދި ވިވެކް އޮބެރޯއި އެވެ.