އަބަދުވެސް އިންޑިއާގެ ހަގީގީ ރަޙްމަތްތެރިއެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ސޯލިހު ދެއްވި ގުޅިފައިވާ ބަޔާނުގައި އެމަނިކުފާނު ވަނީ މި ސަރަހައްދުގެ ސުލްހަ އާއި ތަރައްގީއަށް ދެގައުމުންވެސް ގެންގުޅޭ ތަސައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައި ދެއްވި އެ ގުޅިފައިވާ ޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ދެމެދު އޮތް އެތައް ގަރުނެއްވީ އެކުވެރި ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ އެކިއެކި މުއާމަލާތްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ މިހާރު ކުރިއަށްދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރު ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

މިއަދު ކުރިޔަށްދިޔަ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށުމާއި، 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި، މިއީ ދެ ގަޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ހެކިކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ފަންޑިންއެއް ދިނުމަށް އެއްބަސްވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ހައްދުންމަތީ ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލާއި ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ފަދަ މުހިންމު މަޝްރޫޢުތައް، ބާރު ސްޕީޑުގައި ނިންމުމަށް މަގުފަހިވާގޮތަށް އިންޑިއާ ސަރުކާރުން އިތުރު އެހީތެރިކަން ދިނުމަށް ނިންމަވާފައިވާތީ އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއް ނެތި ދެމުން ދާ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނު ވަނީ ދެ ގައުމަށް ފައިދާހުރި އަދި ގުޅިގެން ކުރިޔަށްގެންދެވޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާއީ ދާއިރާއިން ދެޤައުމުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.