ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ނުވަތަ މަކުނުވިދުރި ރާއްޖެ އަތުވެދާނެތީ އެސްޓީއޯއިން ތައްޔާރުވާ ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ރާއްޖެއަށް މަކުނު ވިދުރި އަތުވެދާނެތީ އެސްޓީއޯއިން ދުރާލާ، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މަކުނު ވިދުރި ވެކްސިން ރާއްޖޭން ލިބޭނެ އިންތިޒާމް، ހަމަޖެއްސުމުގެ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިތުރުން ސަޕްލަޔަރުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި ބައްޔަށް ޓެސްޓު ކުރުމަށާއި ބަލި މީހުންނަށް ފަރުވާ ކުރުމަށް ޓަކައި ސިއްހީ އިދާރާ ތަކަށް ބޭނުންވެދާނެ ތެކެތި ދެނެގަނެ، އެތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ޖަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ދުނިޔޭގެ ގައުމުތަކުގައި މަކުނު ވިދުރި ފެތުރެމުންދާ ހާލަތަށް ބަލައިއިރު، ރާއްޖެއަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު އޮތީ މެދުމިނުގެ ރިސްކުގައި ކަމަށް ކަނޑައަޅާފަ އެވެ.