ޓައިޕޭ (03 އޮގަސްޓް) - އޭޝިއާއަށް ކުރައްވާ ދަތުރު ފުޅެއްގައި އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާއެކު ޗައިނާއިން އެކަން ކުށްވެރި ކޮށްފި އެވެ.
ނޭންސީގެ ދަތުރުފުޅު ފެށުމުގެ ކުރިން ވެސް ޗައިނާއިން އެމެރިކާއަށް އިންޒާރު ދިން ނަމަވެސް އެމެރިކާއިން ވަނީ އެ އިންޒާރުތަކަށް ބެލުމެއް ނެތި ޕެލޯސީގެ ދަތުރުފުޅު ކުރިއަށް ގެންގޮސްފަ އެވެ.
ޕެލޯސީގެ ދަތުރުފުޅުގައި އޭނާ ވަނީ ޓައިވާންގެ ވެރިރަށް ޓައިޕޭގައި އެގައުމުގެ ބައެއް އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން މި ބައްދަލުވުމުގައި ޕެލޯސީ ވަނީ ޓައިވާނަކީ މުޅި ދުނިޔެއިން ވެސް އެންމެ މިނިވަން މުޖުތަމައުއެއް އޮތް އެއް ގައުމު ކަމަށް ވިދާޅުވެފަ އެވެ.
ޕެލޯސީގެ މި ބަސްފުޅަކީ ޓައިވާނުގެ މިނިވަންކަމަށް ދެކޮޅު ހަދަމުން އަންނަ ޗައިނާގެ އިސް ވެރިން އިތުރަށް ރުޅި ގަދަވި ބަސްފުޅަކަށެވެ.
އެއާއެކު ޕެލޯސީ ވަނީ ޓައިވާނުގައި މިހާރު އޮތް ސަރުކާރުން މިނިވަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކޮށް އެގައުމުގެ ރައީސަށާއި އެހެން އިސް ވެރިންނަށް ތައުރީފް ދަންނަވާފަ އެވެ.
ޓައިވާނަކީ އެގައުމުގެ މިލްކިއްޔާތެއް ކަމަށް ދައުވާ ކުރަމުން އަންނަ ޗައިނާއިން ވަނީ ޓައިވާނުން މިނިވަންކަން އިއުލާން ކޮށްފި ނަމަ ހަނގުރާމައަކަށް ދާންވެސް ފަސް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.
ޓައިވާނުގެ މައްސަލައާއި ޕެލޯސީގެ ދަތުރުފުޅާއެކު އެމެރިކާއާއި ޗައިނާގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. -- އަލް އަރަބިއްޔާ