އަރަބިއްޔާ ސްކޫލްގެ ކުދިންގެ ވަގުތީ ހައްލެއްގެ ގޮތުގައި، ހަމަޖެއްސި ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި އަދިވެސް އެމިނިސްޓްރީގެ މުދާ ހުރުމުން އެކަމުހެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އެމްޓީސީސީ ސޯމިލް އަށް އެސްކޫލު ވަނީ ވަގުތީ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ބަދަލުކޮށްފަ އެވެ. އަދި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ބާ ޖަމާލުއްދީން ސްކޫލުގައި އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ހިންގާ އިމާރާތުގައި އަދިވެސް ފޮރިން މިނިސްޓްރީގެ މުދާ ހުރުމުން ޖާގައިގެ ދަތިކަން ފޯރާދީ އެސްކޫލުގެ ޕީޓީއޭގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އަރަބިއްޔާ ސްކޫލު ހިންގުމަށް ހަވާލުކުރި ވަގުތީ އިމާރާތުގައިވެސް ކްލާސް ރޫމުގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރަމުން އެސިޓީގައި ބުނެފައިވަނީ އަދިވެސް ފޮރިން މިނިސްޓްރީގެ މުދާ އެސްކޫލުގައި ހުރުމުން އެއިމާރާތުގައި ހުރި ބައެއް ކޮޓަރިތައް ބޭނުން ކުރެވިފައިނުވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހު ވަގުތީ އިމާރާތަށް ސްކޫލް ބަދަލުކުރިތާ މިހާރު ހަތް މަހަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު، އަދިވެސް އެ ކޮޓަރިތައް ހުސްނުކުރާ ކަމަށް އަރަބިއްޔާގެ ސިޓީ ގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ބޭނުންނުކޮށް ހުހަށް ހުރި ބައެއް ތަންތަން ވެސް ނުދީ ހުރި ކަމަށް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

"މިފެށޭ ދިރާސީ އައުއަހަރު އިތުރު ކްލާސްތަކަށް ޖާގައަށް މިވަނީ ބޭނުންވެފަ އެވެ. އަދި ޖާގައިގެ ދަތިކަން ސަބަބަކަށް ބުނެ ކުދިން ތޮއްޖައްސާ، ދެޖިންސުގެ ކުދިން މައްސުނިކޮށް ހެދުމަކީ އަޅުގަނޑުމެން އަރަބިއްޔާގެ ބެލެނިވެރިން އެއްގޮތަކަށް ވެސް ޖާގަދޭނެ ކަމެއް ނޫން،" އަރަބިއްޔާގެ ޕީޓީއޭއިން ބުނެ އެވެ.

އަރަބިއްޔާ ސްކޫލްގެ ޕީޓީއޭގެ ސިޓީއަށް ޖަވާބުދެއްވާ މިނިސްޓްރީން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކާއި އައު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަރަބިއްޔާގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވި ނަމަވެސް އަދި ކުރަމުން ދަނީ ކުރިން އެބިމުގައި ހުރި ބާ ޖަމާލުއްދީން ސްކޫލް ތެޅުމުގެ މަސައްކަތެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި، އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އަންނަ މަހު ކުރީކޮޅު ނިމޭނެ އެވެ.

އަރަބިއްޔާ ސްކޫލުގެ ވަގުތީ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ނުދޭތީ އެސްކޫލުގެ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.