ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލްގެ 180 މަގާމަކަށް އިންތިޚާބަކާ ނުލާ މެންބަރުން ހޮވިއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަގާމަކަށް 196 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އޭގެ ތެރެއިން 180 މަގާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް އެކެކެވެ.
މަގާމަކަށް އެކަކު ކުރިމަތިލައިފިނަމަ އޮޓަމެޓިކުން އެ މީހަކު އެ މަގާމަށް ހޮވޭނެ ކަމަށް އެ ޕާޓީގެ އިންތިހާބީ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އިންތިހާބު ބާއްވަންޖެހެނީ ފަސް މަގާމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު އިންތިޚާބުކުރާނެ މަގާމުތަކަކީ ވިމެންސް ވިންގްގެ ލީޑަރު، ޔޫތު ވިންގްގެ ލީޑަރު، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސް، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސް، އަދި ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްގެ މަޤާމެވެ.
އެމްއެންޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޕާޓީގެ 50 މެންބަރުން ހަމަވާ ރަށްރަށުގައެވެ. އެގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.