ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކެއިފް ފެނިގެންދާ ފިލްމް "ޖީ ލޭ ޒަރާ"ގެ ރޯލަކަށް ކުރިއަރަމުން އަންނަ އެކްޓަރު އިޝާން ހައްތަރު ސޮއިކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހިދު ކަޕޫރްގެ ކޮއްކޮ އެ ފިލްމުގެ ރޯލަކަށް މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އިޝާން "ޖީ ލޭ ޒަރާ"ގެ ރޯލަކަށް ސޮއިކުރިކަމެއް އަދި ރަސްމީކޮށް އެ ފިލްމުގެ ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.
"ޖީ ލޭ ޒަރާ" އަކީ ކެޓްރީނާ އާއި އިޝާން ވެސް ކާސްޓްގައި ހިމެނޭ އަދި މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ފޯން ބޫތު" ވެސް އުފެއްދި ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓުން އުފައްދާ ފިލްމެކެވެ.
މަޝްޙޫރު ޑައިރެކްޓަރު ފަރްޙާން އަހުތަރްގެ މި ފިލްމަކީ ރޯޑް ޓްރިޕްއަކަށްދާ 3 އެކުވެރިއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައަކަށް ހަދާ ފިލްމެކެވެ.
މި ފިލްމްގެ ޝޫޓިން މީގެ ކުރިނަ ވަނީ މިއަހަރު ފަށާ ގޮތަށް ހަމަޖެހިފަ އެވެ. ނަމަވެސް 3 ފަންނާނުންއަށް ވަގުތު މި ފިލްމަށް ދެވެން ނެތުމުން 2023 އަށް ލަސްކޮށްފައިވާ ކަމަށް އިންޑިއާގެ ރިޕޯޓްތަކުން ވަނީ އާއްމުކޮށްފަ އެވެ.
"ޖީ ލޭ ޒަރާ" އަކީ އެކްސަލް އިން ހަދާ ތިން ވަނަ ރޯޑް-ޓްރިޕް ފިލްމެވެ. ކުރީގެ ދެ ފިލްމަކީ ފަރުހާން ޑައިރެކްޓްކޮށް އާމިރު ޚާނާއި ސައިފް އަލީ ޚާންގެ އިތުރުން އަކްޝޭ ކަންނާ ކުޅުނު 2001 ގެ "ދިލް ޗާތާ ހޭ" އެވެ.
ދެވަނަ ފިލްމަކީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރު 2013 ގައި ގެނެސްދިން "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ. އޭގެ ތަރިންނަކީ ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ފަރުހާނެވެ. އަދި އޭގެ ރޯލެއް ކެޓްރީނާ ވެސް ކުޅުނެވެ.
ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާގެ 2011 ގެ "ޑޮން 2" އެވެ.