ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ. އެކަން އެހެން އޮއްވައި، އެމެރިކާގެ ކޮންގްރެސްގެ ރައީސާ ނޭންސީ ޕެލޮސީ މިދިޔަ ބުދަ ދުވަހު ޓައިވާނަށް ވަޑައިގަތުމުން އެ މައްސަލަ އިތުރަށް ހޫނުވީ އެވެ.
ދުނިޔޭގެ މަސްރަހުގައި އަނެއްކާ ވެސް ޗައިނާ-ޓައިވާނުގެ މައްސަލަ ހޫނުވުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، ޓައިވާނަށް ޕެލޮސީ ވަޑައިގަތުމުން ރާއްޖޭގެ ވިސްނުން އިއްޔެ ހާމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ މަސްރަހުގައި "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށް އެ ޓްވީޓްގައި ވެ އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ އަބަދުވެސް ގާތް ގުޅުމެއް ކަމަށް ދިވެހި ސަރުކާރާ ހަވާލާދީ ޗައިނާގެ ސަރުކާރުން ބުންޏެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް މިއަދު ވަނީ އެހެންވެ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި، ޓްވީޓެއް ކުރައްވައިފަ އެވެ. އަދި ކުރިމަގުގައި ވެސް އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހި ކުރާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ޕެލޮސީ، ޓައިވާނަށް ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރުން އެގޮތަށް ބުނެފައިވާއިރު، އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ވަން ޗައިނާ ޕޮލިސީއަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖެއިން ގަބޫލުކުރާ ސިޔާސަތެކެވެ.
ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.
ރަސްމީކޮށް ބަލައިނުގަތަސް، ބައެއް ގައުމުތަކުން ޓައިވާނަށް އެހީދެ އެވެ. އެމެރިކާ އިން ޓައިވާނަށް އަސްކަރީ އެހީ ވެސް ދެ އެވެ.
ޕެލޮސީއަކީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ޓައިވާނަށް ވަޑައިގަތް އެމެރިކާގެ އެންމެ އިސް ބޭފުޅާ އެވެ. އެކަމާ ގުޅިގެން ޗައިނާ އިން އެމެރިކާ އަށް އިންޒާރުތައް ދިނެވެ.