ފައިޒާ އާއި ބަޔޯޓެކުން ކޮވިޑް 19 އަށް އުފެއްދި ވެކްސިން އިނގިރޭސިވިލާތުގައި ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ކަމާއި ބެހޭ ވުޒާރާ މެޑިސިން އެންޑް ހެލްތް ކެއާ ޕްރޮޑަކްސް ރެގިއުލޭޓަރީ އެޖެންސީން ދީފި އެވެ.

އެ އެޖެންސީން ބުނިގޮތުގައި އެ ވެކްސިންއިން ކޮވިޑް- 19 ވައިރަސް އަށް 95 ޕަސެންޓް ރައްކާތެރިކަން ފޯރުކޮށްދެ އެވެ.

އެ ވެކްސިން އަކީ މިހާތަނަށް އެންމެ އަވަހަށް ދުނިޔޭގައި ތައްޔާރުކޮށް، ޓެސްޓް މަރުހަލާ ފުރިހަމަކޮށް ބޭނުންކުރުމަށް ހުއްދަދެވުނު ވެކްސިން އެވެ. އެއީ 10 މަސްދުވަހެވެ. އާންމުކޮށް ވެކްސިން ތައްޔާރުކޮށް، އުފައްދާ، ޓެސްޓްކުރުމުގެ މަރުހަލާތަކަކީ ވަރަށް ގިނަ ދުވަސް ނަގާ ކަމެކެވެ.

އިނގިރޭސިވިލާތުން ވަނީ މި ވެކްސިންގެ 40 މިލިއަން ޑޯޒް އަށް އޯޑަރު ދީފަ އެވެ. އެއީ އާބާދީގެ 20 މިލިއަން މީހުންނަށް ކޮންމެ މީހަކަށް ދެ ޑޯޒް ދެވޭވަރެވެ. ވެކްސިންގެ ފުރަތަމަ 800،000 ޑޯޒް އަންނަ ހަފްތާގައި ލިބޭނެ އެވެ.

ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ތައްޔާރުވުމުގެ ގޮތުން 50 ހޮސްޕިޓަލުން ވަނީ ތައްޔާރުވެފަ އެވެ. އޭގެ އިތުރުން ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެ ގޮތަށް ހުންނަ ސްޓޭޑިއަމް ތަކާއި ކޮންފަރެންސް ހޯލްތައްވެސް ތައްޔާރުކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުމަށް ތައްޔާރުވިޔަސް އަދިވެސް ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް އިހުތިރާމްކޮށް، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ވައިރަސް ފެތުރުން ހުއްޓުވުމަށް ސަމާލުވުމަށް އޮފިޝަލުން އިލްތިމާސްކުރެ އެވެ. -- ބީބީސީ