އިންޑިއާގެ އާބާދީގެ ކޮންމެ މީހަކަށް ވެކްސިން ނުދިނަސް އިންޑިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ޑިރެކްޓަ ޖެނަރަލް ވިދާޅުފައި ވަނީ އާބަދީގެ ބޮޑު ޕަސެންޓަކަށް ވެކްސިން ދެވިއްޖެނަމަ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވާސިލްވުމުށް ހުރަސްއެޅޭނެ ކަމަށާއި އެހެން ކަމުން އަބާދީގެ އެންމެންނަށް ވެކްސިން ނުދިނަސް ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްއިއްޔާގެ މާހިރުން ވެސް ފާހަގަކުރައްވާ ގޮތުގައި އާބާދީގެ 70-65 ޕަސެންޓަށް ވެކްސިން ދެވިއްޖެ ނަމަ މުޅި އާބާދީއަށް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ އެވެ.

އިންޑިއާއަކީ މިހާރު މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ކޮވިޑް-19ގެ ކޭސް ރިކޯޑްކުރެވިފައިވާ ގައުމެވެ. އެގޮތުން 9.46 މިލިއަން މީހުންނަށް މިހާތަނަށް އެ ބަލި ޖެހިފައިވާ އިރު އޭގެ ތެރެއިން 137،621 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާއިން އުފައްދާފައިވާ އަދި މިހާރު ޓެސްޓް މަރުހަލާގައިވާ ވެކްސިން ދެވުނު ބައެއްމީހުން އުނދަގޫތަކެއްވާ ކަމުގެ ޝަކުވާކޮށްފައިވިޔަސް މާހިރުން ގަބޫލުކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ދޭން ފެށޭ ވަރުވާނެ ކަމަށެވެ. އެހެން ކަމުން ވެކްސިން ދިނުމަށް ހަދާފައިވާ ޕްލޭންތަކަށް އިތުރު ބަދަލެއް ގެންނާކަށް ނުޖެހޭނެ ކަމަށް ސިއްހީކަމާބެހޭ މާރިހުން ގަބޫލުކުރެ އެވެ. --ރޮއިޓާސް