ޓައިޕޭ (08 އޮގަސްޓް) - ޗައިނާއިން އަނެއްކާވެސް ޓައިވާނުގެ ކަނޑާއި ވައިގެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތަކެއް ހިންގަން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

ޗައިނާއިން މި އިއުލާން ކޮށްފައި މިވަނީ މިހާރު ޓައިވާނުގެ ވައިގެ ސަރަހައްދުގައި ކުރިއަށް ގެންދާ އެއާ ޑްރިލްތައް ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

މިހާރު ކުރިއަށް ދާ ޑްރިލްތަކަކީ ޗައިނާއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އޮޕަރޭޝަނަށް ވާއިރު މިއީ މިދިޔަ ހަފްތާގައި ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ ސްޕީކާ އޮފް ޕާލިމެންޓް ނޭންސީ ޕެލޯސީގެ ދަތުރުފުޅާ ދެކޮޅު ހެދުމުގެ ގޮތުން ފެށި ޑްރިލްތަކެކެވެ.

ޕެލޯސީގެ ދަތުރުފުޅާއެކު ޗައިނާ ރުޅިގަދަވެފައިވާއިރު ޓައިވާނާއި ޗައިނާގެ މަޝްރަހަށް ވަންނަ ކޮންމެ ގައުމަކީ ޗައިނާގެ ދުޝްމަނެއް ކަމަށް އެގައުމުން މީގެ ކުރިން ބުނެފައިވެ އެވެ.

ޓައިވާނަކީ އެގައުމުގެ މިލްކިއްޔާތެއް ކަމަށް ގަބޫލުކުރާ ޗައިނާއިން ވަނީ ޓައިވާނުން މިނިވަންކަން އިއުލާން ކުރުމަށް ފާޅުގައި ދެކޮޅު ހަދައި އެކަން ކޮށްފިނަމަ ހަނގުރާމައެއްގެ އިންޒާރު ވެސް ދީފަ އެވެ.

އަލަށް ފަށާ އަސްކަރީ ހަރަކާތްތައް ކުރިއަށްދާނެ މުއްދަތެއް ޗައިނާއިން ހާމަކޮށްފައި ނުވި ނަމަވެސް މި ހަރަކާތްތައް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ.

އަސްކަރީ ޑްރިލްތަކުގެ އިތުރުން ޗައިނާއިން ވަނީ މީގެ ދެ ދުވަސް ކުރިން ޓައިވާން ކައިރިއަށް މިސައިލްތަކެއް ވެސް ފޮނުވާލާފަ އެވެ. -- އަލް އަރަބިއްޔާ