(ސްރީލަންކާ) ޑިސެމްބަރު 2- ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި" ގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީވެ ލަންކާގެ އިރުމަތީ ސަރަހައްދުތަކުން މީހުން ބަދަލުކުރަން ފަށައިފި އެވެ.

ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރާނެ ސަރަހައްދު ކަމަށްވާ ޓްރިންކޮމަލީ އަދި އެހެނިހެން ސަރަހައްދުތަކުން 75،000 މީހުން މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މި ތޫފާނުގައި ކޮޅިގަނޑުގައި ގަޑިއަކު 90-80 ކިލޯމީޓަރު ބާރުމިނުގައި ވައިގަދަ ވާނެކަމަށް ލަފާކޮށްފައިވެ އެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި މި ތޫފާނުގައި އައްސޭރި ފަށުގެ އިމާރާތްތަކަށާއި، ކަރަންޓް ނަރުތަކަށް ގެއްލުންވާނެ ކަމަށާއި އަދި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ތޫފާން ބުރެވި އިންޑިއާގެ ދެކުނުގެ ސަރަހައްދުގެ ތަކަށް ހުކުރު ދުވަހުގެ އަރާނެ ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރު ރެސްޕޮންސް ފޯސް އިން ހާމަކުރާގޮތުގައި ތޫފާން އަށް ތައްޔާރުވުމުގެ ގޮތުން 26 ޓީމް މިހާރުވަނީ މިސަރަހައްދުތަކުގައި ހަރަކާތްތެރިވުމަށް ފޮނުވާފަ އެވެ. އިންޑިއާގެ މީޓްރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ޓަމިލްނާޑޫ އަދި ކެރެލާގެ ގިނަ ހިސާބުތަކަށް ރަތް ސަމާލު ނެރެފަ އެވެ. އަދި މަސްވެރިކަމުގެ ހަރަކާތްތައް ވެސް މަޑުޖައްސާލުމަށް އަންގާފަ އެވެ.

މީގެ ތިން އަހަރު ކުރިން ލަންކާގެ އިރުއުތުރު ސަރަހައްދުތަކަށް އެރި މިފަދަ ތޫފާނުގައި 20،000 މީހުންގެ ގެދޮރު ގެއްލި މީހުން މަރުވެފައިވެ އެވެ. -- އަލްޖަޒީރާ