ޓައިޕޭ (09 އޮގަސްޓް) ޗައިނާ އިން ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދުތަކުގައި މިހާރު ކުރިއަށް ގެންދާ އަސްކަރީ ޑްރިލްތަކުގެ ހަގީގީ މަގްސަދަކީ ޓައިވާނަށް އަރައިގަނެ ހަނގުރާމައެއް ފަށަން ތައްޔާރުވުން ކަމަށް ޓައިވާނުގެ ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވިދާޅުވެއްޖެ އެވެ.
ޓައިޕޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖޯސެފް ވިދާޅުވީ އަސްކަރީ ޑްރިލްތަކެއްގެ ނަމުގައި ޗައިނާއިން މިހާރު ކުރިއަށް ގެންދަނީ ހަނގުރާމައިގެ ތަމްރީނުތަކެއް ކަމަށެވެ.
ޖޯސެފް މިހެން ވިދާޅުވެފައި މިވަނީ ޗައިނާއިން ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދުގައި އިތުރު ޑްރިލްތަކެއް ކުރިއަށް ގެންދާނެކަން އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ހަފްތާގައި ޗައިނާ އިން ވަނީ ދާދި ފަހުން ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ ސްޕީކާ އޮފް ދަ ހައުސް ނޭންސީ ޕެލޯސީގެ ދަތުރުފުޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން މިހާތަނަށް ޓައިވާނުގެ ވައިގެ ސަރަހައްދުގައި އެ ގައުމުން ކުރިއަށް ގެންދާ އެންމެ ވަރުގަދަ ޑްރިލްތައް ފަށައިފަ އެވެ.
ޗައިނާއިން ކުރިއަށް ގެންދާ ޑްރިލްތަކުގެ ތެރޭގައި މިސައިލް ޓެސްޓުތަކާއި ސައިބާ އެޓޭކްތަކުގެ އިތުރުން އަސްކަރީ ތަމްރީނުތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ޖޯސެފް ވިދާޅުވި އެވެ.
ޗައިނާގެ މި އަމަލުތަކަކީ ގައުމެއްގެ ގޮތުގައި ޓައިވާނަށް ލިބިފައިވާ ހައްގުތަކަށް އަރައިގަތުން ކަމަށާއި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖޯސެފް ވަނީ ވިދާޅުވެފަ އެވެ.
ޕެލޯސީގެ ދަތުރުފުޅު އެކު ޗައިނާ އާއި އެމެރިކާގެ ގުޅުންތައް ވެސް ނުތަނަވަސް ވެފައިވާއިރު ޗައިނާއިން ވަނީ މިކަމާ ގުޅިގެން އެމެރިކާ އަށް އިންޒާރު ވެސް ދީފަ އެވެ.
ޓައިވާނަކީ އެ ގައުމުގެ މިލްކިއްޔާތެއް ކަމަށް ދައުވާކުރާ ޗައިނާއިން ވަނީ ޓައިވާނުން މިނިވަންކަން އިއުލާން ކޮށްފި ނަމަ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
ޗައިނާ-ޓައިވާން މަޝްރަހު ދުވަހަކަށްވުރެ ދުވަހެއް ހޫނު ވަމުން ދާއިރު މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރަޝިއާ އާއި ޔޫކްރެއިންގެ އަމަލުތައް ވެސް ހުރީ މި ބީދައިންކަން ފާހަގަ ކޮށްލެވެ އެވެ. -- އަލް އަރަބިއްޔާ