ޤައުމީ ކުތުބުހާނާ އިތުރަށް ތައްޤީކޮށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީގެ ނައިބު އަޙްމަދު މުޙުސިން ވިދާޅުވީ ގައުމީ ކުތުބުހާނާ ތަރައްގީވުމާއެކު އެތަނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން ޒަމާނާ އެއްގޮތަށް ލައިބްރަރީގެ ހިދުމަތްތައް ފުޅާވެގެންދާނެ އެވެ. މި މަޝްރޫއުގެ ދަށުން ލައިބްރަރީގައި އޯޑިއޯ ބޫތެއް ހެދުމުގެ އިތުރުން ކުރީ ޒަމާނުގެ ފޮތްތައް ޑިޖިޓަލް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މުހްސިން ވިދާޅުވި އެވެ. މި އޯޑިއޯ ބޫތުން ފޮތްތަކަށް އަޑު އެޅުމަށްފަހު އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށް މި ފޮތްތައް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހުސިން ވިދާޅުވީ ލައިބްރަރީގައި މިހާރު ހިދުމަތް ދެމުން އަންނަ ސަރަޙައްދަށްވެސް ބޮޑު ބަދަލެއް އަންނާނެކަމަށެވެ.
ލައިބްރަރީ ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ. އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައިވެސް މެދުކަނޑާ ނުލާ ހިދުމަތްދެމުން ދާނެ އެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ލައިބްރަރީގެ އިނގިރޭސި ޑިޕާޓްމަންޓްގެ މަސައްކަތަށްވުމުން އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ނިމެމުންދާވަރަކުން އެތަންތަނުން ހިދުމަތް ލިބޭނެ ކަމަށް މުހުސިން ވިދާޅުވި އެވެ.