އެމްއެމްޕީއާރުސީ ހިޔާނާތުގައި އިސް ދައުރެއް އަދާކުރި މުހައްމަދު ހުސައިން (އޮއިއްޓޭ) އިނގިރޭސިވިލާތުގެ ރެފިއުޖީ ގާނޫނާ ހިލާފުވި މައްސަލައެއް، އެ ޤައުމުގެ ހޯމް އޮފީހަށް ހުށަހަޅައިފި އެވެ.

އިނގިރޭސިވިލާތުގައި ރެފިއުޖީންގެ ކަންތައްތައް ބަލަހައްޓަނީ އެ ޤައުމުގެ ހޯމް އޮފީހުގެ ދަށުން ހިންގާ އެސައިލަމް އެންޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުންނެވެ.

އެ މައްސަލަ ހުށަހެޅީ އެ ގައުމުގެ ގާނޫނީ ވަކީލެކެވެ. އެ ވަކީލު އެ ޑިޕާޓްމަންޓްގެ ހެޑް، އެމާ ހަދާދަށް ފޮނުވި ސިޓީއެއްގައި ރެފިއުޖީ ސްޓޭޓަސް ގެއްލޭހެން އޭނާ ކޮށްފައިވާ ކަންކަމުގެ ތަފްސީލު ހިމަނާފައިވެ އެވެ.

އޮއިއްޓޭ އާއި އިތުރު ބަޔަކު ރާއްޖެއިން ބޭރަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލިތާ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެ ގައުމުގެ ސިޔާސީ ހިމާޔަތަށް އެދުމުން އޮއިއްޓޭއަށް ރެފިއުޖީ ސްޓޭޓަސް އިނގިރޭސިވިލާތުން ދިނީ ނޮވެމްބަރު 14، 2018 ގަ އެވެ.

.ޕޮލިޓިކަލް އެސައިލަމް ހޯދާ މީހުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް އިނގިރޭސި ޤާނޫނުތަކުގައި ބަޔާންކޮށްފައިވެ އެވެ. އެ އުސޫލާ ހިލާފުވެއްޖެނަމަ ރެފިއުޖީ ސްޓޭޓަސް ގެއްލޭނެ ގޮތްތަކެއް ވެސް އޮވެ އެވެ. އޮއިއްޓޭ ހޯދުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ.

މި ސަރުކާރު އައިފަހުން ޕީޖީ އޮފީހުން ވަނީ އޭނާއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ޑީލް ހަދާފަ އެވެ. އަދި އެގޮތުގެމަތިން ދާދިފަހުން އޭނާ ވަނީ ކޯޓުގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދީފަ އެވެ.