މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން ގިނަވުމަކީ ހަމައެކަނި އެކަމުގެ ޒިންމާ ފުލުހުންގެ ބޮލުގައި އެޅުވޭނެކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން ގިނަވުމަކީ ހަމައެކަނި އެކަމުގެ ޒިންމާ ފުލުހުންގެ ބޮލުގައި އެޅުވޭނެކަމެއް ނޫންކަމަށެވެ. ކުށް މަދުކުރަން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައި އޮންނަނީ އެބައެއްގެ މެދުގައި އޮންނަ އަމަންއަމާން ކަމާއި ހަމަޖެހުމާއި ސުލްހަވެރި ކަމުގެ މައްޗަށް ކަމަށާއި ހަމަޖެހުމެއް ނެތް މުޖުތަމައެއް ކުރިއަރާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާމެދު ދިވެހީންގެ ތަސައްވަރު ރަނގަޅުކޮށް ފުލުހުންނަކީ ދިވެހިން އިހުތިރާމްކުރާ އިތުބާރުކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ފެށުމާއެކު އަތޮޅު ތެރޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ގާތުން ފުރިހަމަކޮށް ދިނުމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވުނު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ތުލުސްދޫ ޕޮލިސް ސްޓޭޝަކީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ހިންގޭ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.