ޓައިޕޭ (11 އޮގަސްޓް) - މަޝްރަހު ހޫނުވެފައިވާ ޓައިވާން މައްސަލަ ހައްލު ކުރުމަށް ޗައިނާއިން ހުށައަޅާފައިވާ "ވަން ކަންޓްރީ - ޓޫ ސިސްޓަމްސް" ނުވަތަ "އެއް ގައުމު- ދެ ސިސްޓަމް"ގެ ސިޔާސަތަށް ޓައިވާނުން ދެކޮޅު ހަދައިފި އެވެ.

ޗައިނާއިން ހުށައަޅާފައިވާ މި މޮޑެލްއަށް ޓައިވާނުން ދެކޮޅު ހެދީ އެގައުމުގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ޓައިވާނުގެ ކުރިމަގު ނިންމުމުގެ އިޚްތިޔާރު އޮންނަން ވާނީ ހަމައެކަނި ޓައިވާނުގެ ރައްޔިތުންނަށް،" އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ޖޮއާން އޮޔޫ އިތުރަށް ވިދާޅުވީ ޗައިނާއިން އަންނަނީ އެ ގައުމުގެ އިސްތިއުމާރީ ހަރަކާތްތައް ހިންގުމުގެ ބަހަނާއެއްގެ ގޮތުގައި ދާދި ފަހުން އެގައުމަށް ދަތުރު ކުރެއްވި އެމެރިކާގެ ސްޕީކާ އޮފް ދަ ހައުސް ނޭންސީ ޕެލޯސީގެ ދަތުރުފުޅު ބޭނުން ކުރަމުން ކަމަށެވެ.

ޓައިވާނަކީ އެ ގައުމުގެ މިލްކެއް ކަމަށް ގަބޫލުކުރާ ޗައިނާއިން ވަނީ ޓައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ ޓައިވާނުގެ ކަނޑާއި ވައިގެ ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ޑްރިލްތަކެއް ހިންގަމުންނެވެ. -- އަލް އަރަބިއްޔާ