ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ މަލާއިިކާ އަރޯރާ އައި އަރްޖުން ކަޕޫރު ކައިވެނި ނުކުރާ ސަބަބު އަރްޖުން ހާމަކޮށްފި އެވެ.

އުމުރުން ހަނގު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅުމާ، ގުޅިގެން އެ ދެތަރިންނަށް ވެސް އާންމުންގެ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހެ އެވެ. ހަމައެހެންމެ އެ ދެތަރިން ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ގިނަ ބަޔަކު ދަނީ ދެ ތަރިން ވެސް ކައިވެނި ކުރާނީ ކޮން އިރަކުންތޯ ސުވާލުކުރަމުންނެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަރްޖުން ވަނީ މަލާއިކާގެ ކުރީގެ ކައިވެންޏާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން މަލާއިކާގެ ފިރިހެން ދަރިފުޅާއި އަރްޖުންގެ ހަޔާތުގައި ހިނގައި ދިޔަ އާއިލީ މައްސަލަތަކަކީ އަރްޖުން ވެސް އޭނާ ކުޑައިރު ތަޖުރިބާކުރި ކަންތައްތަކެއް ކަމުގައި އޭނާ ބުނެފައިވެެ އެވެ.

ހަމައެހެންމެ މަލާއިކާ އާއި މަލާއިކާގެ ދަރިފުޅާ މެދުގައި ވިސްނައި، ދެތަރިން އެކުގައި ކައިވެންޏާ ހަމައަށް ނުދެވިފައިވާ ކަމަށް އަރްޖުން ވަނީ ބުނެފަ އެވެ. އަދި އެއީ ދެ މީހުން ވެސް މަޝްވަރާ ކުރުމަށްފަހު އަވަސް އަރުވާލުމެއް ނެތިކުރަން ބޭނުންވާ ކަމެއް ކަމަށް އަރްޖުން ވަނީ ބުނެފަ އެވެ.

މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރެއްހާ ދުވަސްވެފައިވާ އިރު، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދެތަރިންގެ ކައިވެނީގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

އަރުޖުން، 36، އާއި މަލައިކާ، 48، ރައްޓެހިވީ 2018 ގަ އެވެ.

މަލައިކާ އަކީ ސަލްމާންގެ ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅާލިއިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 19 އަހަރުގެ އަރުހާން ޚާނެވެ.

އަރުޖުން އަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަތަރު ދަރިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ.