ޗައިނާއިން ޓައިވާނުގެ ވަށައިގެން ހަނގުރާމައިގެ ފަރިތަކުރުންތަކެއް ކުރިޔަށް ގެންދަނީ އެވެ. އެމެރިކާގެ ސެނެޓުގެ ސްޕީކަރު ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަކާ ގުޅިގެން ޗައިނާއިން ފާޅުކުރަމުންދާ ރުޅިވެރިކަމުގެ ތެރެއިން ފެށި މިހަރަކާތްތައް ފުޅާވެ، ހަނގުރާމައަކަށް ބަދަލު ވެދާނެ ކަމުގެ ބިރު އެބައޮތެވެ.
މި ޚަބަރު ގެނެސްދޭ ދުނިޔޭގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި ޓައިވާނަކީ ޗައިނާއިން އެ ގައުމުގެ ބައެއްގެ ގޮތުގައި ދައުވާކުރާ ރަށެކެވެ. އެމެރިކާއިން ބުނަމުން ގެންދަނީ ޓައިވާނާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ޗައިނާއިން ޓައިވާނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން ޓައިވާނަކީ ކޮން ތަނެއްކަމާއި ޗައިނާއާއި ޓައިވާނާއި އެމެރިކާގެ މެދުގައި ޖެހިގެން މި އުޅެނީ ކޮން މައްސަލައެއްތޯ ބަލާލަން އެބަ ޖެހެ އެވެ.
މައްސަލައިގެ ތާރީޚު
ޗައިނާއާއި ޓައިވާނުގެ މައްސަލައިގެ ތާރީޚު ގުޅިފައިވަނީ 1927 ގައި ހިނގި ޗައިނާގެ ދާޚިލީ ހަނގުރާމައާ އެވެ. މި ހަނގުރާމައިގައި އޭރު ޗައިނާގައި ބާރެއްގެ ގޮތުގައި އޮތް ނެޝެނަލިސްޓުން ކަމަށްވާ ކޫމިންގްޓެންގް (ކޭއެމްޓީ) ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އަތުން ބަލިވި އެވެ.
ހަނގުރާމައިން ބަލިވުމަށްފަހު ފަހު އެ މީހުންގެ އެންމެ ފަހުގެ ބާރު އޮތް ހިސާބު ކަމުގައިވާ ޓައިވާނަށް ކޭއެމްޓީގެ ލީޑަރު ޗިއާން ކައިޝެކް ފިލައިގެން ގޮސް އެ ރަށުގައި ސަރުކާރެއް ގާއިމުކުރި އެވެ. ކައިޝެކާއި އޭނާގެ ބައިވެރިން ޓައިވާނަށް އުފުލީ އެމެރިކާގެ މިލިޓަރީ ހެލިކޮޕްޓަރުތަކުގަ އެވެ. އެ މީހުންނާ އެކު އެވަގުތު ޗައިނާގެ ބައިތުލް މާލުގައި ހުރި ހުރިހާ ފައިސާއަކާ ރަން ރިހި ފަދަ އެއްޗެހި ވެސް ގެންދިއަ އެވެ.
ޓައިވާނުގައި ކައިޝެކް ލީޑަރެއްގެ ގޮތުގައި ހުރެ ވެރިކަން ކުރަމުން ގެންދިޔައީ ކުރިއްސުރެ ޗައިނާގެ ނަމުގެ ގޮތުގައި ބޭނުންކުރަމުން އައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގަ އެވެ. ޗައިނާގެ މައި ބައްރުގެ ވެރިރަށް ބޭޖިންގްގައި މާއޯގެ ވެރިކަމުގެ ދަށުން ޕީޕަލްސް ރިޕްބްލިކް އޮފް ޗައިނާގެ ނަމުގައި ވެރިކަން ކުރަމުން ގެންދިއަ އެވެ. ދެ ފަރާތުން ވެސް ދައުވާ ކުރަމުން ގެންދިޔައީ އަސްލު ޗައިނާއަކީ އެ މީހުން ކަމަށެވެ. އދ. ގައި ޗައިނާގެ ގޮނޑި ފުރަމުން ގެންދިޔައީ ޓައިވާނުގައި އޮތް ރިޕަބްލިކް އޮފް ޗައިނާއިންނެވެ. މި ކޯޅުން 1971 އާ ހަމަޔަށް ދެމިގެން ދިއަ އެވެ. 1971 ވަނަ އަހަރު އދ. ގައި ނެގުނު ވޯޓަކުން ޗައިނާގެ ގޮނޑި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ލިބުނެވެ.
އދ. ގެ ގޮނޑި ބޭޖިންއަށް ލިބުމާއެކު އެކަން 1979 ވަނަ އަހަރު އެމެރިކާއިން ޓައިވާނާ އެކު އޮތް ރަސްމީ ގުޅުން ކަނޑާލި އެވެ. އަދި ހަމަ އެއާއެކު ޗައިނާ އިން ދައުވާ ކުރަމުން އަންނަ "ވަން ޗައިނާ" ޕޮލިސީ ވެސް އެމެރިކާއިން ގަބޫލު ކުރި އެވެ.
ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނުގައި ވަކިން ހިންގަމުން ގެންދާ ވެރިކަމުގެ ބާރު ކޮންމެ ވެސް ހިސާބަކުން ޗައިނާއާ އެއްކޮށް ލެވޭނެ އެވެ. މި ކަމަށް އެމެރިކާ ވެސް އެއްބަސްވެ އެވެ.
އެމެރިކާގެ ޝަރުތަކީ ޓައިވާން އަނބުރާ ޗައިނާގެ ދަށަށް ގެންދިއުމަށް ބާރުގެ ބޭނުން ނުކުރުމެވެ. އެމެރިކާ ހުށަހަޅާ ޝަރުތުތަކުގައި ވާގޮތަށް ޗައިނާ އިން މި ވީހާ ތަނުގައި ޓައިވާނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދެ ފަރާތުން މަޝްވަރާކޮށް ޓައިވާނަށް އެތައް ހުށަހެޅުމެއް ޗައިނާއިން ވަނީ ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް މިހާތަނަށް ޓައިވާނުން ގަބޫލެއް ނުކުރެ އެވެ.
ޖެހިގެން އުޅެނީ ކޮން މައްސަލައެއް؟
ފާއިތުވެ ދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރި އަރައިގެން ދިޔައީ އެމެރިކާ އާއި ދުނިޔޭގެ ބާރު ގަދަ ގައުމުތައް ކަމަށް ބެލެވޭ ހުޅަނގުގެ ގައުމުތަކަށް ގަބޫލު ކުރަން ވެސް ދަތި މިންވަރަކަށެވެ. އެއާއެކު ޗައިނާގެ ނުފޫޒު ދުނިޔޭގައި ގަދަވެ، އެ ގައުމުގެ މިލިޓަރީ ބާރު ވެސް ކުރިއަރައި ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ ގޮތަކުން ނަމަވެސް ޗައިނާ ހުއްޓުވަން އެމެރިކާ ބޭނުންވެ އެވެ. އެހެންކަމުން ޓައިވާން ބޭނުންކޮށްގެން ޗައިނާ އެތެރޭގެ މައްސަލަތަކެއްގައި ތާށިކޮށްލުމަކީ އެމެރިކާގެ ބޭނުން ކަމަށް ފެނެ އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ލީޑަރު ޓައިވާނަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ޓައިވާނުގެ މިނިވަންކަމާ ބެހޭ ގޮތުން އެއްވެސް ވާހައެއް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި އެކަމަނާ ދެއްކެވީ ޓައިވާނުގެ ޑިމޮކްރެސީގެ ހަރުދަނާކަމުގެ ވާހަކަ އެވެ. އެ ރަށުގައި އިންސާނީ ހައްގުތައް ރައްކާތެރިވެފައި އޮންނަ ކަމުގެ ވާހަކަ އެވެ. އެމެރިކާގެ ސަޕޯޓު ޑިމޮކްރަސީއަށް އޮންނާނެ ވާހަކަ އެވެ.
ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއިން ފަށާފައިވާ މިލިޓަރީ ހަރަކާތާ ބެހޭ ގޮތުން އެމެރިކާ ބުނަނީ ޗައިނާއިން މާކަންތައް ބޮޑުކޮށްލަނީ ކަމަށެވެ. ޗައިނާ އިން ވަނީ ޓައިވާން ވަށާ އޮތް ކަނޑުގެ ސަރަހައްދުގައި އެ މީހުންގެ ހަނގުރާމައިގެ ހުނަރުތައް ދައްކާލައިފަ އެވެ. ބޭނުންވެއްޖެ ހާލަތެއްގައި ޓާއިވާނާ ދުނިޔެއާ އެކަހެރި ކޮށްލެވިދާނެކަން ހާމަކޮށް ދިނުމަކީ މި ހަރަކާތުގެ އެއް މަގުސަދު ކަމަށް ފެނެ އެވެ.
ޗައިނާއިން ބުނެފައިވާ ގޮތުގައި ޓައިވާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކޮށްފިނަމަ ބާރުގެ ބޭނުން ކޮށްގެން ވެސް ޗައިނާގެ ދަށަށް ގެންދާނެ އެވެ. އެމެރިކާއިން ބަލަނީ އެ ދެގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރު ކޮށްގެން އެމެރިކާގެ އިތުރު ހަތިޔާރު ޓައިވާނަށް ވިއްކާށެވެ. އެމެރިކާގެ ހީނަރުވެފައިވާ އިގުތިސާދަށް އެއީ ކޮންމެހެން ވެސް ބޭނުން ކަމެކެވެ.