(ހޮންގްކޮންގް، 3 ޑިސެމްބަރު 2020) އިންސާނުންގެ އެހީއާއި ނުލައިދުއްވާ ކާރު އުފެއްދުމަށް ދުނިޔޭގެ ކާރު އުފައްދާ ކުންފުނިތަކުން މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
ޗައިނާގެ ފާމްއަކުން މިކަން ހަގީގަތަކަށް ހެދުމާއި ގާތަށް ހިގައްޖެ އެވެ.
އަލީބާބާގެ އެހީތެރިކަމާއެކު އުފެއްދި ފާމް އޮޓޯއެކްސް އިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި އެކުންފުނިން ވަނީ އިންސާނެއްގެ އެހީއާ ނުލައި ދުއްވޭނެ ކާރު ޝެންޒެންގެ މަގުތަކަށް ޓެސްޓްކުރުމަށް ނެރެފަ އެވެ. އަދި އެމީހުންނަކީ ޗައިނާގައި އެންމެ ފުރަތަމަ މިހިސާބަށް ދެވުނު ކުންފުނިކަމާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޗައިނާގެ ބައެއް ސިޓީތަކުގައި ކުންފުނިތަކުން މިގޮތަށް އުފެއްދާ ކާރުތައް ދުއްވުމުގައި ހަރުކަށި އުސޫލު ކަނޑައަޅާފައިވެ އެވެ. އެގޮތުން އިމަޖެންސީއެއްގައި ހަރަކާތްތެރިވާނެ ސޭފްޓީ ޑްރައިވަރެއް އަބަދުވެސް ކާރުގައި އިންނަން ޖެހެ އެވެ. ނަމަވެސް ޝެންޒެންގައި މިފަދަ ހުރަސްތަކެއް އަދި ނެތެވެ.
މިކުންފުނިން ނެރެފައިވާ ވީޑިއޯގައި ފެންނަ ގޮތުން އެކުންފުނިން ތައްޔާރުކުރި މިނީ ވޭން ސެންޒެން މަގުތަކުގައި ދަތުރުކުރާތަނާއި، ކާރަށް މީހުންނާއި މުދާއަރުވާ ބާލާތަން ފެނެ އެވެ.
"ވަރަށް ދުވަސްވަންދެން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މިހާހިސާބަށް މިއާދެވުނީ. އަހަރުމެން ބޭނުންކުރާ ޓެކްނޮލޮޖީ އަކީ އިތުބާރުކުރެވޭ އަދި މިކަމަށް އެންމެ ގާބިލް ޓެކްނޮލޮޖީއަށް ހެދިއްޖެ. މިއީ ހުވަފެން ހަގީގަތަކަށް ވުން،" އޮޓޯއެކްސްގެ ސީއީއޯ ޖިއާން ޒިއޮންގް ޒިއޯ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ޒިއޯ އިތުރަށް ވިދާޅުވިގޮތުގައި އެމީހުން ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާ ރަނގަޅުކުރުމަށް 100 އެއްހާ ކާރު ކޮންމެ ދުވަހަކު ސޮފްޓްވެއައަށް ބޭނުންވާ ޑޭޓާ ކަލެޓްކުރުމަށް މަގުތަކުގައި ދުއްވަ އެވެ.
އޮޓޯއެކްސް އަކީ 2016 ވަނަ އަހަރު ޒިއޯ އުފެއްދި ފާމެކެވެ. މިފާމް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އިންސާނުންގެ އެހީއާއި ނުލައި ދުއްވޭނެ ކާރުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ އުފެއްދުމާއި އަދި ކާރު އުފައްދާ ކުންފުނިތަކާއި ގުޅިގެން މި ޓެކްނޮލޮޖީ ފުޅާކުރުމެވެ.
ޒިއޯ ފާހަގަކުރެއްވި ގޮތުގައި މި ޓެކްނޮލޮޖީއަކީ އަދިވެސް ޓެސްޓް މަރުހަލާގައި އޮތް ޓެކްނޮލޮޖީއެއްކަމާއި، މިފަދަ ކާރުތަށް އާންމުން ބޭނުންކުރުމަށް އަދި ވަރަށް ދުވަސްނަގާނެކަމާއި އަދި އުންމީދަކީ ކުރިއަށްއޮތް ދެތިން އަހަރުގައި އާންމުންނަށް ބޭނުންކުރެވޭ ވަރަށް ތަރައްގީކުރެވި އަދި އެ ހުއްދަތަށް ލިބުމެވެ.