ޑިގްރީއެއް ނިންމުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ބުރަ މަސައްކަތެއްކަން ކިޔަވާ ހުރިހާ ކުދިން ވެސް ގަބޫލުކުރާނެ އެވެ.
ދާދިފަހުން ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަހޯދަން ފެށީ ފައިސާއަށް އެސައިންމެންޓް ހަދާ ވާހަކަ އެވެ. އެންމެން ދަންނަ ބޮޑު ސިއްރު ހާމަވެ، އެންމެ ފަހުން ދައުލަތުގެ ވެރިންނަށް ވެސް މިކަމުގައި ހިމޭނުން ނުތިބެވުނެވެ.
ފައިސާއަށް އެސައިންމެންޓް ހަދާދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އާންމުކުރި އިސްތިހާރަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވަނީ އެ ޕޯސްޓު ޝެއާކުރައްވައި، އެ ކަމަކީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލުކުރައްވާފަ އެވެ.
ބައެއް މީހުން ބުނަމުން ދިޔައީ މި ކަމަކީ މިނިސްޓްރީއަށް އެނގި، ފިޔަވަޅު އަޅާފައިނުވާ މައްސަލައެއް ކަމަށެވެ. އެއާއެކު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން އަތުކުރި އޮޅާލައިގެން މި މައްސަލަ ހައްލު ކުރަން ނުކުތެވެ.
އެގޮތުން އެ މައްސަލަ ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފައިވެ އެވެ. މީގެ އިތުރުން މިހާރު މަޖިލީހަށް ހުށައަޅާފައިވާ މަތީ ތައުލީމުގެ ބިލުގައި ފައިސާ ދީގެން އެސައިންމެންޓް ހެދުވުން ގާނޫނީ ކުށަކަށް ހެދުމަށް ހިމަނާފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.
އެއާއެކު ޓުވިޓާގައި ތިމާމެންނަކީ މާ "ޕޮލިޓިކަލީ ކަރެކްޓް" ބައެއް ކަމަށް ދެކިގެން އުޅޭ މީހުން އެކި ގޮތްގޮތަށް ޝުއޫރުތައް ބަންޑުން ކުރަން ފެށި އެވެ. ނޫސްތަކުން އެކި ގޮތްގޮތަށް ޚަބަރުވެސް ލިޔަން ފެށި އެވެ. އޭގެ ތެރެއިން ވެސް އެންމެ އަޅައިގަތް ކަމަކީ ފައިސާ ދީގެން އެސައިންޓްމެންޓް ހަދަނީ އެގޮތް ބޭނުންވެގެން ނޫން ކަމަށާއި ސަރުކާރުން މަޖުބޫރުކޮށްގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކެވެ.
މިކަން މިހެން ދިމާވަނީ ރާއްޖޭގައި ހާއްސަކޮށް މާލޭގައި ދިރިއުޅުމުގެ ހާލަތު އޮތް ގޮތުން ކަމަށް މި މީހުން ބުނެ އެވެ. ވަޒީފާއަށް ނުގޮސް މުޅިން ކިޔެވުމަށް ހުސްވެ، ހުރެވޭނެހާ ތަނަވަސްކަމެއް އެންމެންގެ ނުހުރެދާނެ ކަމަށް ވެސްބުނެފައިވެ އެވެ. މިހެން މިކަން ދިމާވަނީ ހުރިހާ ތަރައްގީއެއް މާލެ ސަރަހައްދަށް ގެނެއުމުން ކަމަށް ގަބޫލުކުރާ ބަޔަކު އުޅެ އެވެ. ތައުލީމު ހާސިލްކުރަން މީހުން މާލެއައުމުން މާލެ ތޮއްޖެހެނީ އެވެ. ހަރަދުތައް އިންތިހާ އެވެ. މާލޭގައި އުޅޭއިރު ދެކޮޅުޖެއްސުމަށް ކިޔަވަމުން ވެސް ޖެހެނީ ވަޒީފާއަދާ ކުރާށެވެ.
އެހެން ކަމުން ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ގިނަ ކުދިންނަކީ ވަޒީފާ އަދާކުރަމުން ކިޔަވާ ކުދިންނެވެ. އޮފީސް މަސައްކަތް ނިންމާފައި ކްލާހަށެވެ. ކިޔަވާނެ ވަގުތެއް ނުލިބެ އެވެ. މިއީ މިއަދު ކިޔަވާ ހުރިހާ ކުދިންގެ ވެސް ޝަކުވާއެކެވެ. ނަމަވެސް ވަގުތު ހޯދޭނީ ވަގުތު ހޯދަން މަސައްކަތް ކޮށްގެންނެވެ. އަމިއްލަ އަށް "ޓައިމް މެނޭޖް" ކުރަން ދަސްކޮށްގެންނެވެ. ކާމިޔާބުކަމާއެކު ޑިގްރީއެއް ނިންމާލެވުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމާ ކުރިމަތިލާން ވާނީ ވެސް އެއީ ކިހާވަރެއްގެ ކަމެއްކަން އެނގިހުރެ އެވެ. ސްކޫލްގައި "އަނގައިގައި ލައްވައިދީ" ކިޔަވައިދިނުމާ ކޮލެޖާ ހާސްބައި ތަފާތެވެ.
ވަގުތު ހޯދުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ރައްޓެހިންނާއެކު ކޮފީއަށް ގޮސް އެ ހޭދަކުރާ ވަގުތު މަދުކުރާށެވެ. އެ ވަގުތުތައް ކިޔެވުމުގައި ހޭދަކުރެވިދާނެ އެވެ. ނުވަތަ ލިބޭ ބަންދު ދުވަސްތަކުގައި ނުވަތަ އޮފް ދުވަސްތަކުގައި ކޮލެޖް މަސައްކަތްތައް ކޮށްލާށެވެ. ކޮލެޖް މާ ބުރަ ދުވަސްކޮޅެއް ނަމަ އޮފީހުން ޗުއްޓީއެއް ލިބޭތޯ ބަލައިލާށެވެ. މިއިން އެއްވެސް ކަމެއް ނުކޮށް ވަގުތު ނެތޭ ބުނެ ފައިސާ ދީގެން އެސައިންމެންޓް ހެދުވުމުން މީގައި ސަރުކާރު ގޯސްވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ހަމަ ހިލާ ނުވިސްނުނެވެ.
ކައިވެނިކޮށްގެން ދަރިންނާއެކު ވަޒީފާ ވެސް އަދާކުރަމުން ކިޔެވި އެތައް މީހުންނާ ބައްދަލުވެއްޖެ އެވެ. އެތިބީ ކާމިޔާބުކަމާއެކު ޑިގްރީ އަދި މާސްޓާސް ވެސް ނިންމާލާފަ އެވެ. އަމިއްލަ މަސައްކަތުންނެވެ. ތިބާގެ "އެކްސްކިއުޒް" އަކީ ކޮބައިހެއްޔެވެ؟ ވަގުތު ނުވުން ހެއްޔެވެ؟ ބޮލަށް މާ ބާރުބޮޑުވުން ހެއްޔެވެ؟ މާލޭގައި ވަޒީފާ އަދާކުރަމުން ކިޔަވަން ޖެހުން ހެއްޔެވެ؟
މިހެން ބުނާއިރު ވެސް އެންމެންގެ ހާލަތު އެއްގޮތްނުވާނެ ކަން ގަބޫލުކުރަމެވެ. ނަމަވެސް ސުވާލެއް ކޮށްލާނަމެވެ. ވަޒީފާ އަދާ ނުކުރާ، އަތޮޅު ތެރޭގައި ތިބެ، ކިޔަވާ ކުދިން ފައިސާ ދީގެން އެސައިންމެންޓް ތައްޔަރުކުރުވަނީ ކީއްވެހެއްޔެވެ؟ ތިއުޅެނީ ފައިސާ ގިނަވެގެން ހެއްޔެވެ؟
ކުރިން ބުނެވުނު "ޕޮލިޓިކަލީ ކަރެކްޓް" މީހުން ބުނާގޮތުން މިކަމަށް އޮތް ހައްލަކީ އަތޮޅުތެރެއަށް ތަރައްގީ ބަހާލައިގެން އެ ރަށްތަކުގައި ފެންވަރު ރަނގަޅު ތައުލީމު ލިބޭނެ ނިޒާމެއް ސަރުކާރުން ގާއިމު ކުރުމެވެ.
މިހާރު ވެސް އަތޮޅުތެރޭގައި ތައުލީމު ހާސިލުކުރެވެ އެވެ. ސަރުކާރާއި އަމިއްލަ ކޮލެޖްތަކުގެ ކެމްޕަސްތައް އެތައް ރަށެއްގައި އެބަހުއްޓެވެ. ފަހަރުގައި ތިމާ ބޭނުންވާ ޒާތުގެ ކޯހެއް ނޯވެދާނެ އެވެ. އެކަމަކު މިހާރު އޮންލައިންކޮށް ތަފާތު ގިނަ ޕްރޮގްރާމްތައް ކިޔެވޭނެ ފުރުސަތުތައް ގާއިމުވެފައި އެބަހުއްޓެވެ. ބުނަން ހެއްޔެވެ؟ ހުސްވާނީ ފޮތެވެ. ގޮތެއް ހުހެއް ނުވާނެ އެވެ.
ފައިސާ ދީގެން އެސައިންމެންޓު ހަދައިގެން ޑިގްރީއެއް ލިބިދާނެ އެވެ. ނަމަވެސް މީހާ ހުންނާނީ ހަމަ "ރޮލާ" އެވެ. ތި ބޭނުންވެގެން އުޅޭ ވަޒީފާ ރަނގަޅަށް އަދާކުރެވޭ ވަރުގެ ފެންވަރެއް ނެތްތަނުގައި، މީހާގެ ތެދުވެރިކަމެއް ވެސް ނެތެއް ނޫން ހެއްޔެވެ؟
ސަނަދު ދައްކައިގެން ވަޒީފާއެއް ލިބިދާނެ އެވެ. ނަމަވެސް އެ ވަޒީފާ އަދާކުރެވޭ ވަރުގެ ގާބިލިއްޔަތުކަމެއް ތިބާގެ ނެތް ނަމަ ތިއީ ހަމަ ބޭކާރު މީހެކެވެ. މިފަދަ މީހުންނަށް ވަޒީފާގައި ވެސް އަދި ދިރިއުޅުމުގައި ވެސް ކުރިއެރުމެއް ނުލިބޭނެ އެވެ.
މިކަމުގައި ސަރުކާރުގެ އެއްވެސް މައްސަލައެއް ނެތެވެ. ކިތަންމެ ވަރަކަށް މަތި އޮމާން ކުރަން އުޅުނަސް ފައިސާ ދީގެން އެސައިންމެންޓް ހެދުވުން ބަލައެއް ނުގަނެވޭނެ އެވެ. ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއް ވާނީ ހަމަ ގޯސް ކަމަކަށެވެ. ސަރުކާރޭ ކިޔައިގެން ބަހަނާ ދައްކައިގެން ހުދުކާފޫރަށް ވާން ނޫޅޭށެވެ.