މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮއްވާ ފެންނަ މަންޒަރު ކަމަށް ބުނެ މިހާރު ދައުރުވަމުންދާ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން އާންމުވި ފޮޓޯތަކެއްތޯ ބަލާނެ ކަމަށް ބުނެފި އެވެ.

ފުވައްމުލަކަށް އުފަން ޝިއާއު މަރާލައިފައި އޮއްވާ ފެނުނީ ހ. ޝީރީންވިލާ އިންނެވެ. އޭނާ ފެނުނު އިރު ޝިއާއުގެ ހަތަރެސްފަޔާއި އަދި ބޯ ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ފުލުހުން އެ މަރުގެ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝިއާއު މަރާލާފައި އޮތް ވަގުތު ނަގާފައިވާ ކަމަށް ބުނާ ދެތިން ފޮޓޯ ރެއިން ފެށިގެން ދަނީ ދައުރުވަމުންނެވެ. އެއީ އަސްލު ފޮޓޯތަކެއް ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ފުލުހުންގެ ތެރެއިން އެއްވެސް ފޮޓޯއެއް ލީކުވެފައި ވާކަން މިހާތަނަށް އެނގިފައިނުވާ ކަަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

އާންމުވެފައިވާ ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބުނެ އެވެ.

"ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ދަންނަވަމެވެ. އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް ނުބެލެވެއެވެ،" ފުލުހުން ކުރި ޓްވީޓެއްގައި ބުންޏެވެ.

ފުލުހުން ބުނީ އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި ތަހުގީގުގައި ބޭނުން ކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

"އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެ ފަދަ ފޮޓޯތަކަކަށް ވުމާއެކު އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ،" ފުލުހުން ބުނެފައިވެ އެވެ.

ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން އިންޑިއާ އަށް ފުލުހުން ފޮނުވި އެވެ. އަދި ހަށިގަނޑު ރާއްޖެ ގެނެސް ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދުގެ ފަހުން ފުވައްމުލަކު ކެޑޭރެ މިސްކިތުގައި ވަނީ ވަޅުލާފަ އެވެ.

ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެވެ.

އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަަށް ފުލުހުން ބުނެ އެވެ. ފުލުހުން އެންމެ ފަހުން ދިން މައުލޫމާތުގައި، ޝާހިލް ކުށަށް އިއުތިރާފް ނުވާ ކަމަށް ބުނެފައިވެ އެވެ.