ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ސްޓޭބަލްކޮށް، މުޅި މާލެއަށް އަލުން ކަރަންޓު ދީފި އެވެ.

މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިއަދު މެންދުރު 12:00 ހާއިރު އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި، ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ސްޓޭބަލް ކުރެވި މިހާރު ވަނީ މުޅި މާލެއަށް އަލުން ކަރަންޓު ދީފައި ކަމަށެވެ.

"އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ނުލިބިވާނަމަ، އަޅުގަނޑުމެންގެ 104 ނަންބަރަށް ގުޅުއްވުން އެދެން. ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިން މަސައްކަތެއް ކުރަމުންދަނިކޮށް، ދެ އިންޖީނު ނިވިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް، އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.