ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ ރާކީ ސާވަންތު އާއި މަޝްހޫރު ތަރި ސަނީ ލިއޯންއާ މެދުގައި ހިނގި ހަމަނުޖެހުމަކީ ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކަ ތަކެކެވެ.

މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ، ބޮލީވުޑްގައި ގިނަ ބައެއްގެ ތަރުހީބު ލިބުުނު ފިލްމެއް ކަމަށްވާ "ރާގިނީ އެމްއެމްއެސް" ގައި އެންމެ މުހިންމު ރޯލު ކުޅެން ސަނީއަށް ލިބުމުންނެވެ. ގިނަ ބަޔަކަށް އެ ފިލްމުގައި ސަނީގެ އެކްޓިން ހުނަރު ކަމުދިޔަ ނަމަވެސް އެކަމާ ގުޅިގެން ރާކީގެ ހިޔާލު މުޅިން ތަފާތެވެ.

ސަނީ ލިއޯންގެ މާޒީއަށް ފާޑުކިޔަމުން ރާކީ ބުނީ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފިލްމުތައް ކުޅޭ މީހަކަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި އެފަދަ މީހުން އިންޑިއާ އިންވެސް ބޭރުވުމަށް އޭނާ ގޮވާލާފައިވެ އެވެ.

ރާކީ އަކީ، ޖެހިލުމެއް ނެތި ބަސް ބުނެ ހަދާތީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މީހެކެވެ. އެއްބަޔަކު އޭނާގެ އެ ސިފައަށް ތައުރީފު ކުރި ނަމަވެސް ގިނައީ އޭނާއަށް އެކަމާއި ގުޅިގެން ފާޑުކިޔާ މީހުންނެވެ.

ހަމައެހެންމެ ސަނީ ވަނީ އޭނާގެ މާޒީ ދޫކޮށް، އައު ދިރިއުޅުމެއް އުޅެން ފަށާފަ އެވެ. ސަނީ ބުނާގޮތުގައި އޭނާ ދުވަހަކު ވެސް އޭނާގެ ކުރީގެ ހަޔާތަކަށް ނުދާނެ އެވެ.