"ޖުގް ޖުގް ޖިއޯ" ފިލްމުގެ ޝޫޓިންގައި އެއްކޮށް ހަރަކާތްތެރިވި ބޮލީވުޑް ތަރިން ކަމަށްވާ ވަރުން ދަވަން އާއި ނީތޫ ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މީގެ އިތުރުން މި ފިލްމުގެ ޑައިރެކްޓަރު ރާޖް ކަޕޫރުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ނޮވެމްބަރުމަހުގެ މެދުތެރޭގައި ރާޖް ކަޕޫރު ވަނީ މުމްބާއީގައި "ޖުގް ޖުގް ޖިއޯ"ގެ ޝޫޓިން އަލުން ފަށާފަ އެވެ. މި ފިލްމުގައި ވަރުން ދަވަންއާއި އެކު ފެނިގެންދާނީ ކުރިއަރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކިއާރާ އަދްވާނީ އެވެ. މި ފިލްމުގައި ވަރުން މައިންބަފައިންގެ ރޯލު އަދާކުރަނީ އިތުރު ތައާރަފަކަށް ބޭނުންނުވާ ތަރިން ކަމަށްވާ އަނިލް ކަޕޫރާއި ނީތޫ ކަޕޫރެވެ.

މީގެ އިތުރުން "މޯސްޓްލީ ސޭން"ގެ ނަމުގައި ޔޫޓިއުބްގައި މަޝްހޫރު ފަންނާނެއް ކަމަށްވާ ޕްރަޖަކްތާ ކޯލީ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އަނިލް ކަޕޫރާއި ކިއާރާ އަދްވާނީ މުމްބާއީ އިން ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ދެމީހުން ވެސް ވަނީ ނެގެޓިވްވެފަ އެވެ.

ފިލްމުގެ މައި ތަރިން ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު މިފިލްމުގެ ޝޫޓިންވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.

ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ މި ފިލްމު ނެރެން ހަމަޖެހިފައިވަނީ 2021 ވަނަ އަަހަރުގަ އެވެ.