މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 98.9 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މަރުކަޒީ ބޭންކުން އާންމުކުރި މިދިޔަ މަހުގެ އިކޮނޮމިކް އަޕްޑޭޓްވާ ގޮތުން ގެރެންޓީޑް ޑެޓް ނުލައި، ދައުލަތުގެ ދަރަނި ވަނީ 57.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ތިން ޕަސެންޓްގެ އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނި މައްޗަށް ގޮސްފައި ވަނީ އެތެރޭގެ ދަރަނި އިތުރުވުމުންނެވެ.

މީގެ އިތުރުން، މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ހިލޭ އެހީއާ ނުލައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 828.5 މިލިއަން ރުފިޔާ މަދުވެފަ އެވެ. މިއީ 48 ޕަސެންޓްގެ ދަށްވުމެކެވެ.

ދައުލަތުގެ އާމްދަނީ މިހާބޮޑުތަނުން ދަށަށް ގޮސްފައި ވަނީ ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުމުން މަދުވެ، ޓެކްސް ރެވެނިއު އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ދަށްވުމާ ގުޅިގެންނެވެ. އަދި މި މުއްދަތުގައި ދައުލަތަށް ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ 552.7 މިލިއަން ރުފިޔާ ދަށްވެފައިވެ އެވެ. ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 275.9 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ހަރަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 27 ޕަސެންޓް ދަށްވިއިރު، މިއީ 838.7 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އަދި ދައުލަތުގެ ހަރަދު ދަށްވެފައި ވަނީ ރިކަރެންޓް ހަރަދު ވަރަށް ބޮޑަށް ދަށްވުމުން ކަމަށް އެމްއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރިކަރެންޓް ހަރަދު 675.8 މިލިއަން ރުފިޔާ ދަށްވިއިރު، ކެޕިޓަލް ހަރަދުން ދަށްކުރެވިފައި ވަނީ 162.8 މިލިއަން ރުފިޔާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ 39 ޕަސެންޓް ދަށްވިއިރު، ދައުލަތުގެ ހަރަދުން ދަށްވެފައި ވަނީ އެންމެ އެއް ޕަސެންޓެވެ.