އެމެރިކާ ( ޑިސެމްބަރު 4 )- އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފައިޒާގެ ކޮވިޑް-19 ވެކްސިން އަށް ހުއްދަދިނުމުގެ ކަންކަން ލަސްވާތީވެ އެކަމަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރު މާޓީ މެކެރީ ވެސް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެފްޑީއޭއަށް އެކަން ނުވާނަމަ އެމީހުންގެ ޓީމާއި ހަވާލުކުރުމަށެވެ. އަދި އެމީހުންގެ ޓީމުން އެންމެ ގަޑއިރެއްގެ ތެރޭގައި އެކަން ކުރާނެ ކަމަށް މެކަރީ ވިދާޅުވި އެވެ.

"ދަ ޑިސްޕެޗް" ނަމަކަށްކިޔާ މަޖައްލާއެގައި މެކެރީ ވިދާޅުވި ގޮތުގައި ފައިޒާއިން ވަނީ އެމީހުންގެ ކޮވިޑް ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަކަށް އެދި ނޮވެމްބަރު 22 ދުވަހު ހުށަހަޅާފައި ކަމަށާއި އެފްޑީއޭއިން އެވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭން ވާއިރަށް އެމެރިކާގެ 27،000 މީހުން މަރުވެދާނެ ކަމަށެވެ.

"ގިނަ މީހުން ހީވެފައި އޮންނަނީ އެފްޑީއޭ އިން ވެކްސްން ބޭނުންކުރުމަށް ހުއްދަދިނުމުގެ ކުރިން ވަރަށް ގިނަ ޓެކްނިކަލް ކަންކަން ކުރަންޖެހޭނެ ކަމަށް، އެކަމަކު އެފްޑީއޭގެ ސައިންޓިސްޓުން ކުރަން ޖެހޭނެހާ ވެސް ކަމަކީ މިހާރު މިވެކްސިނާއި ބެހޭގޮތުން ހަދާފައި ހުރި ރިސާޗްތަކާއި، ޑޭޓާތައް ބަލައި، އެމީހުންގެ ސޭފްޓީ ސްޓޭންޑާޑްތަކަށް އެއްގޮތަށް ހުރިތޯ ޔަގީންކުރުން،" އޭނާ ވިދާޅުވި އެވެ.

މެކެރީ އިތުރަށް ވިދާޅުވި ގޮތުގައި ވެކްސިން އުފެއްދިގޮތާއި އެކަމަށްކުރި އެންމެހާ ކަންކަމަކީ އެފްޑީއޭއިން މާކުރިން ރިވިއުކޮށް، ހުއްދަދެވޭނެ ކަމެއްކަމާއި، އަދި ފަހުން ވެކްސިންގެ ޑޭޓާ ހުށަހެޅުމުން ދެންބަލަން ޖެހޭނެ ކަމަކީ ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާގައި ވެކްސިން ދެވުނު މީހުންގެ ފަރާތުން އެއްވެސް ކަހަލަ ސައިޑްއިފެޓެއް ފެނުނުތޯއާއި އަދި ފެނުނަމަ އެހީ ކިހާވަރެއްގެ ކަމެއްތޯ ޔަގީންކުރުމެވެ. އަދި މިކަމަކީ ރިސާރޗްޓީމަށް އެއްގަޑި އިރުތެރޭގައި ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިބައްޔަށް ވެކްސިނެއް ހޯދުމަށް ހުރިހާއެންމެން މަސައްކަތްކުރަނީ އެންމެ މަތީ ގިޔަރުގައި، އެކަމަކު އެވެކްސިނަށް ހުއްދަދިނުމުގެ ކަންކަން މިއުޅެނީ ވަރަށް މަޑުދުވެއްޔެއްގައި. އެފްޑީއޭއިން މިކަމުގެ މުހިންމުކަމަށް ވިސްނައި މިއަށްވުރެ އަވަހަށް ކަންކަން ނިންމޭނެ ގޮތްތަކައް ވިސްނަންންވެއްޖެ،" މެކެރީ ވިދާޅުވި އެވެ.