ވޮޝިންޓަން (25 އޮގަސްޓް) - މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އަންނަ މަހުގެ ހަތްވަނަ ވަނަ ދުވަހު އެކުންފުނީގެ އިވެންޓެއް ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

"ފާ އައުޓް"ގެ ނަމުގައި ބާއްވާ މި އިވެންޓުގައި އެކުންފުނީގެ އައިފޯން 14ގެ މޮޑެލްތަކާއި އެޕަލް ވޮޗް 8 ސީރީޒްގެ މޮޑެލްތައް ފުރަތަމަ ފަހަަރަށް ދައްކާލާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެގޮތުން އައިފޯން 14، އައިފޯން 14 މެކްސް، އައިފޯން 14 ޕްރޯ އާއި އައިފޯން ޕްރޯ މެކްސްގެ އިތުރުން އެޕަލް ވޮޗްގެ އާ މޮޑެލްތައް ވެސް މި އިވެންޓްގައި ތައާރަފް ކުރާނެކަމަށް ބެލެވެ އެވެ.

އައިފޯން 14ގެ މޮޑެލް ތަކުގައި އޭ16ގެ ޕޮރެސެސަރަކާއި 48 މެގަޕިކްސަލް ކެމެރާގެ އިތުރުން 6 ޖީބީގެ ރެމްއެއް އެކުލެވޭނެ ކަމަށް ޓެކްނޮލޮޖީ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.

އެޕަލް ކުންފުނިން ބާއްވާ މި އިވެންޓަކީ ކޮވިޑް 19 ޕެންޑަމިކްގެ ފަހުން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ އިވެންޓެވެ.